English Edition
Dhivehi Edition

އައްޑޫސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށް އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ އިރު އެޚިދުމަތް ރަނގަޅަށް ނުދެވޭ ކަމަށް ބުނެ ހިތަދޫގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ހިތަދޫ ދެކުނު ދާއިރާއިން ވާހަކަ ދެއްކި މީހަކު ބުނީ ހަފްތާއަކު 3 ދުވަހު ކުނި ނަގާނެ ކަމަށް ބުނެފައިވީނަމަވެސް 3 ހަފްތާއިން އެއްފަހަރުވެސް ކުނި ނުނެގޭ ކަމަށެވެ. “ވަރަށް ގިނައިން ގުޅީމާ އެމީހުން އެބައާދޭ ދޭތެރެ ދޭތެރެއިން. ރަމަޟާން މަހަކަށް ވާއިރު އަދިވެސް ގޭތެރެ ސާފުކޮށްފައި ނެރެލި ކުނިބުނި ހުސްނުވެވިގެން މިއުޅެނީ.” އެެހެންމީހަކު ބުނީ ކުނިނެގުމުގެ ޚިދުމަތަށް އެޕްލިކޭޝަން ހުށަހެޅިފަހުން އެތައް ވަރަކަށް ގުޅައިގެން އެއްމަސް ފަހުން އެއްފަހަރު ކުނި ނެގި ކަމަށެވެ. އަދި އޭގެ ފަހުން މިހާރު 45 ދުވަސް ވެފައިވާއިރު އިތުރަކަށް ކުނި ނަގަން ނާންނަ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ގުޅިއަސް ފޯނެއް ވެސް ނުނަގާ ކަމަށް ވެއެވެ. އައްޑޫގައި ކުނިމެނޭޖު ކުރުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު އުންމީދު ކުރި ވަރަށްވުރެ ބޮޑު ޑިމާންޑެއް އޮތުމުން ކުނި ނެގުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެމްކޯއިން ވެސް ވަނީ ބުނެފައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް އެ ގޮންޖެހުންތަކާއެކުވެސް ދެއްވާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަ އިބްރާހީމް ފުވާދު ވަނީ ވިދާޅުވެފައެވެ. “ކުރިން ޕްލޭނިންގައި ބަލާފައިވަނީ އެމްއާރުޑީސީގެ ޚިދުމަތަށް. އެމްއާރުޑީސީން ޚިދުމަތް ދިންއިރު ގުޅިފައިވާ ހުރިހާ ރަށަކުން ރަޖިސްޓްރީކޮށްފައިވަނީ ހަތަރުސަތޭކަގެ. އަޅުގަނޑުމެން އޯޕަން ކޮށްލުމުން ހިތަދޫން އެކަނިވެސް އެޕްރީލް ސޯޅައާ ހަމައަށް ހަތްސަތޭކަ ނުވަދިހަ ފަސްގެއިން ރަޖިސްޓްރީ ކޮށްފައިވޭ. ގުޅިފައިވާ އެހެން ރަށްރަށުން އެދުވާހާ ހަމައަށް ތިންސަތޭކައެއްހާގެ ވަނީ ރަޖިސްޓްރީ ކޮށްފައި. އެހެންވީމާ ރަނގަޅަށް ޚިދުމަތް ދޭން ޗެލެންޖަކަށްވީ. އެހެންނަމަވެސް މުވައްޒަފުން މިކަމަށް ފަރިތަކޮށް އިތުރު ވެހިކަލާއެކު މި މައްސަލަ ހައްލުކުރާނަން،” މީގެ ކުރިން ފުވާދު ވިދާޅުވެފައިވެއެވެ. ކޮމްޕެކްޓަރ ބޭނުންކޮށްގެން ވެމްކޯއިން އައްޑޫގައިކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނައިރު ހިތަދޫ ފިޔަވައި އެހެން ސަރަހައްދުތަކުގެ ގޭގެއަށް މި ޚިދުމަތް ރަނގަަޅަށް ލިބެމުންދާ ކަމަށް އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ.