މީގެ 11 މަސް ކުރިން އައްޑޫ ސިޓީގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، އޭރު އެޅި ފިޔަވަޅުތަކުގެ ތެރެއިން، ފެރީ ދަތުރުތައް ހުއްޓާލުން ވެގެން ދިޔައީ އޭރުވެސް ހުޅުދޫ މީދޫ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ތަކްލީފަކަށެވެ. އޭރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށްޓަކައި ބައެއް މީހުން ކުއްޔަށް ލޯންޗްތައް ހިފައިގެން ދަތުރުކުރަމުން ދިޔަ އިރު އަނެއްކާވެސް މި އޮތީ ހަމަ އެފަދަ ހާލަަތަކާއި ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ބިރުވެރިކަން އިންތިހާއަށް ބޮޑެވެ. ވަސީލަތްތައް އެހާވެސް މަދެވެ. ފަސޭހައިން ދަތުރުކޮށްލެވޭނެ ގޮތެއް ނެތެވެ. އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ ގޮތެއް ނެތެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުދޫ މީދޫ އިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، އައްޑޫ ސިޓީގެ އެހެން އަވަށްތަކުންވެސް ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އައްޑޫ ސިޓީ ވަނީ މޮނިޓަރިންއަށްލާފައެވެ. މި ހާލަތުގައި އައްޑޫގެ ގުޅިފައިވާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭއިރު، ވަކިން އޮންނަ ހުޅުދޫ މީދޫގައިވެސް އޮތީ މި އުސޫލެވެ. އެހެންނަމަވެސް ކޮވިޑްގެ މި ހާލަތުގައި މި ދެ އަވަށުގެ ރައްޔިތުން ކަނޑު ހުރަސްކޮށް ސިޓީގެ އެއްވެސް ރަށަކަށް ދަތުރުކޮށްފިނަމަ ކަރަންޓީންވާން ޖެހޭ، ޖެހުންވެގެން ދިޔައީ، ސިއްހީ ހިދުމަތް ހޯދުމަށްވެސް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް ހުއްޓާލަން މަޖުބޫރުވެގެން ދިޔަ އެއް ސަބަބަކަށެވެ.
ހުޅުދޫ މީދޫ ރައްޔިތުންގެ ރަށުގައި ބަންދު ސިއްހީ ހިދުމަތްތަކުން މަހްރޫމްވުމުގެ ހިތްދަތިކަން ގިނަ ބަޔަކު ތަހައްމަލުކުރަމުންދާއިރު މިކަމުގެ އެންމެ ބޮޑު ބިރަކާއި ހިތްދަތިކަމެއް ކުރިމަތިވެފައިވާ އެއް ބަޔަކީ މި ދެ އަވަށުގެ މާ ބަނޑު އަންހެނުންނެވެ. ހުޅުމީދޫ ސިއްހީ މަރުކަޒުން މީގެ ކުރިން އަންހެނުންގެ ޑޮކްޓަރު ގެނެސްގެން މާ ބަނޑުމީހުން ދެއްކުމާއި، ސްކޭން ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން ދިޔަ ނަމަވެސް މިހާރު އެކަމަށްވެސް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. އޭއީއެޗްގައި މަސައްކަތްކުރާ އަންހެނުންގެ ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރު ޗުއްޓީގައި ހުރުމުގެ ސަބަބުން މުޅި ސިޓީގެ ހުރިހާ މާބަނޑުމީހުން ބެލުމަށް މިހާރު ހުރީ އެންމެ ޑޮކްޓަރެކެވެ. އެހެންކަމުން މި ދެ އަވަށަށް ޑޮކްޓަރު ގެނެސް މާބަނޑުމީހުންނަށް ފަރުވާ ހޯދައިދިނުމަށް ގިނަ ހުރަސްތައް ކުރިމަތިވެފައިވީ ނަމަވެސް ހުޅުމީދޫ ސިއްޙީ މަރުކަޒުން އަންނަނީ އެތަނުން ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން މާބަނޑު މީހުންގެ ޓެސްޓުތައް ހެދުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތްތައްވެސް ކުރަމުން އަންނައިރު މިއީ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއަށް އެންމެ ހައްގު މިންވަރުތޯއެވެ.
“ހުޅުމީދޫ ސިއްޙި މަރުކަޒުން ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ. އެހެންނަމަވެސް މާބަނޑު މީހުންނަށް ހަމައެކަނި ޓެސްޓެއް ހަދާލާފަ ނިންމާލެވޭކަށް ނެތް. ހަދަންޖެހޭ މުހިއްމު ގިނަ ޓެސްޓުތަކާއި ސްކޭންތައް ނުހެދި މިހާރު މިދަނީ. މިއީ ހަގީގަތުގައި ބަނޑުގައިވާ ދަރިފުޅާއި އަޅުގަނޑުމެންނަށްވެސް ވަރަށް ބޮޑު ދެރައެއް.މިހާރުވެސް ބަނޑަށް ހަމަހުން ހަދަންޖެހޭ ސްކޭނެއް ނެހެދިގެން މިއުޅެނީ. މި ސްކޭނަކީ ވަރަށް މުހިއްމު ސްކޭނެއް. އެކަމަކު ސްކޭން މިތަނުން ހެދޭކަށްނެތް. ސްކޭން ހައްދަން ހޮސްޕިޓަލަށް ދެވޭކަށް ނެތް. މުޅި ސިޓީގެ ހުރިހާ މާބަނޑުމީހުން އެންމެ ޑޮކްޓަރަކު ބަލާނީ ކިހިނެތްތޯ؟” އޭއޯ ނިއުސްއަށް މައުލޫމާތު ދިން މާބަނޑުމީހަކު ބުންޏެވެ.
މީގެ އިތުރުން ވިހަން ތައްޔާރުވެފައިވާ މި ދެ އަވަށުގެ އަންހެނުންގެ އެންމެ ބޮޑު ކަންބޮޑުކަން ބޮޑުވުމަކީ ވިހާ ވަގުތު ޖެހޭއިރުވެސް ލިބެންޖެހޭ ހުއްދައާއި އާސަންދަ ހަމަނުޖެހުމުގެ ސަބަބުން އެމީހުންނާއި ބަނޑުގައިވާ ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކާތެރިކަމެވެ.” މީ ނުލާހިކު ވިއްސާރަ ދުވަސްވަރެއް. ދަންވަރު ބަނޑަށް ތަދުވިޔަސް މި ވިއްސާރައިގަ ކަނޑު ހުރަސްކޮށް އެއް ގަޑިއިރުގެ ދަތުރެއް ކުރަން މިޖެހެނީ. އަދި ކޮވިޑްގެ މިހާލަތުގައި ދަތުރުކުރުމަކީވެސް ވަކި ނުރައްކާ ކުޑަކަމެއް ނޫން.މިހާރު ސިޓީގެ ގުޅިފައިވާ ކޮންމެ ރަށަކަށް ދިޔަޔަސް ކަރަންޓީންވާންޖެހޭ ޖެހުމަކީވެސް ކުރިމަތިވި އިތުރު އުދަގުލެއް” ވިހަން ކައިރިވެފައިވާ މީހަކު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.
.ކޮންމެ ވެރިކަމެއްގައި އެންމެ ފަރުވާކުޑަކޮށް ދޫކޮށްލާފައިވާ ސިއްޙީ ދާއިރާއަކީ ރައްޔިތުންގެ ފުރާނައާއި ގުޅިފައިވާ ދާއިރާއެކެވެ. ބޮޑު ސިޓީއެއްގައި މާބަނޑުމީހުން ބެލުމަށް އެންމެ ދެ ޑޮކްޓަރުންނަކީ އެންމެ އެކަށީގެންވާ އަދަދު ނޫންކަން ޔަގީނެވެ.
ކޮންމެއަކަސް އައްޑޫ ސިޓީ ހުޅުދޫ މީދޫ ގެ ރައްޔިތުން ބޭސް ފަރުވާއަށްޓަކައި އަބަދުވެސް އުފުލަމުން މިދާ ތަކްލީފުތަކަށް ނިމުމެއް އަންނަންޖެހެއެވެ. ކަނޑު ހުރަސްކޮށް މާބަނޑު މީހުން ކުރަންޖެހޭ މިދަތުރުތަކެއް ނިމުމެއް ގެނެސް ރަށުގެ ސިއްޙީ މަރުކަޒުންވެސް މި ހިދުމަށް ލިބޭނެ މަގު ފަހިކުރަންޖެހެއެވެ. އާބާދީ މަދުވުމަކީ، އިންސާނާގެ ފުރާނައާއި ގުޅިފައިވާ ހިދުމަތެއް ދިނުމަށް އޮތް ބަހަނާއަކަށް ހެދުން ހުއްޓާލަންޖެހެއެވެ. އާބާދީ މަދުވުމަކީ އުޒުރެއް ނޫނެވެ. އަދި ރަނގަޅު ސިއްޙީ ހިދުމަތެއް ފޯރުކޮށްނުދެވެން ވީ ސަބަބެއްވެސް ނޫނެވެ.