English Edition
Dhivehi Edition

މާބަނޑުވުމާއެކު ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަންނަން ފަށައެވެ. އެގޮތުން ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުން ބައެއް ކަހަލަ އުނދަގޫތަކާ ދިމާވެއެވެ. ދިމާވާ ބައެއް އުނދަގޫތަކުގެ ތެރެއިން ބައެއްމީހުންގެ ބަނޑު ހިކި ބޮޑުކަމުދާން އުނދަގޫވާފަހަރުވެސް އާދެއެވެ.

މާބަނޑުވެ އިންނަމަ، ފުރަތަމަ 3މަހުގައި މަދުމީހަކަށް ބަނޑު ދިޔާވުމުގެ މައްސަލަ ކުރިމަތިވާއިރު ގިނަމީހުންނަށް ދިމާވަނީ ބަނޑު ހިކުމުގެ މައްސަލައެވެ. ޑޮކްޓަރުން ބުނާގޮތުގައި މިގޮތަށް ދިމާވަނީ ހަށިގަނޑުގައި އުފައްދާ ޕްރޮޖެސްޓްރޯންގެ ސަބަބުންނެވެ. އަދި ބައެއް ހާލަތްތަކުގައި ރަހިމް ބޮޑުވަމުން އަންނަ އިރު ދިމާވާ ޕްރެޝަރުގެ ސަބަބުން ގޮހޮރަށް އަދި ރެކްޓަމް އަށް ބާރުކުރުމުންނެވެ.

މާބަނޑު ގިނަމީހުން ބައެއް ހާލަތްތަކުގައި ބަނޑު ދިޔާކުރުމަށް ބޭސްބޭނުން ކުރަންޖެހެއެވެ. ބޭސްބޭނުން ކުރުމުގެ ބަދަލުގައި މައިމީހާ އަދި ދަރިފުޅަށް ރައްކާތެރި ބައެއް ހޯމްރެމެޑީސްތައް ބޭނުން ކޮށްލުމަކީވެސް ބަނޑުހިކުމުގެ މައްސަލަ އަށް ފަސޭހައިން ހައްލު ލިބިގެންދާނެ ކަމެކެވެ. ތިރީގައި އެވަނީ ބަނޑުހިކޭނަމަ ގޭގައި ދެވިދާނެ ބައެއް ގުދުރަތީ ފަރުވާތަކެވެ.

1- ލުނބޯ ޖޫސް

ލުނބޯ ޖޫހަކީ އޭގައި ހިމެނޭ މާއްދާތަކުން ހަޖަމު ކުރުން ފަސޭހަވެ ހަށިގަނޑުގައިވާ ބައެއް ވިހަ ބޭރުކޮށްދޭ އެއްޗެކެވެ. އެގޮތުން ހެނދުނު ހޭލައިގެން 2-3 ސަމްސާ ލުންބޯ ހުތް ތަފަނާފެން ތަށްޓަކަށް އަޅައިގެން ބޯށެވެ.

2- ކާށިތެޔޮ

ކާށިތެލަކީ އޭގައި ހިމެނޭ ގުދުރަތީ މާއްދާތަކުން ބަނޑުގައި ހަރުލާފައި ހުންނަ ބޮޑުކަމުދަތަކެތި ގޮހޮރުން ފަސޭހައިން ދަތުރުކޮށް ބޭރުވުމަށް އެހީވެދޭ އެއްޗެކެވެ. ބަނޑު ހިކޭނަމަ ކޮންމެ ދުވަހަކު ކާށިތެޔޮ ސަމްސަލެއް ބޯން އާދަކުރާށެވެ.

3- ޕްރޮބައޮޓިކްސް (ލައިވް ބެކްޓީރިއާ ހިމެނޭކާނާ)

ޕްރޮބައޮޓިކްސް އަކީ ހަށިގަނޑަށް ބޭނުންވާ ލައިވް ބެކްޓީރިއާ (ރަނގަޅު ބެކްޓީރިއާ) އަދި އީސްޓް އެވެ. ހާއްސަކޮށް މި ދެމާއްދާ ހިމެނޭ ކާއެއްޗިހި ބޭނުން ކުރުމުން ހަށިގަނޑުގައި ރަނގަޅު ބެކްޓީރިގެ އިތުރުކޮށް ހަޖަމްގެ ނިޒާމުގެ މައްސަލަތަކަށް ހައްލު ލިބިގެން ދެއެވެ. ބަނޑުހިކޭ ނަމަ ޕްރޮބައޮޓިކް ހިމެނޭ ކާއެއްޗެއް ބޭނުން ކުރުމަށް ޔޯގަޓް ބޭނުން ކުރާށެވެ. ޔޯގަޓަކީ އޭގައި ހަށިގަނޑަށް ބެނުންވާ މުހިންމު ބެކްޓީރިއާ ހިމެނޭ އެއްޗެކެވެ.

4- ފެން

ފެންބުއިމުން ކާނާ ހަޖަމްވެ ފަސޭހައިން ބޮޑުކަމުދެވޭނެއެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެސް 2ލީޓަރ ފެންބޯންޖެހޭނެއެވެ.