އައްޑޫސިޓީ ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ފިނިޝިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާން ބާތިލުކޮށް، އެ މަސައްކަތް ކޮށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2022 ޖަނަވަރީ 16 ވާ އާދީއްތަ ދުވަހުން ފެށިގެން 2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް އެއިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީކައުންސިލްގެ އިދާރާގައި އޮންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1685.00ރ (ސޯޅަސަތޭކަ އަށްޑިހަ ފަސް ރުފިޔާ ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި،އަދި ބީލަން ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައިކަމަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ހުޅުމީދޫ ސިއްޙީ މަރުކަޒުގެ ޙިދުމަތް ރަނގަޅު ކުރުމަށް އެކްސްޓެންޝަން އިމާރާތް އެޅުމަށް ހެލްތް މިނިސްޓްރީއިން ބަޔަކާ ހަވާލުކޮށް އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައިވަނީ 11 ޖުލައި 2019 ގައެވެ.