ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް ނައިބު ރައީސް ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ހުޅުމީދޫ ސއްޙީ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާއާއި ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ޚިދުމަތެވެ.
މިޚިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ނައިބު ރައީސް ވަނީ އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވައި، ސިއްޙީ މަރުކަޒުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގެންތިއްބެވި ބައެއް އާއްމުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
މިޚިދުމަތްތައް އިފްތިތާޙްކުރުމުގެ ގޮތުން ސ އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ.
ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ މިއީ މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިއްޙީ ޚިދުމަތައް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް ކުރިޔަށް ރޭވި ހިނގަމުންދާނެ ކަމަށެވެ. މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައް ރޭވި ހިނގަމުންދާކަމަށެވެ
މީގެ އިތުރުންވެސް ނައިބު ރައީސް ވަނީ އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުންދާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫގައި ހުންނަ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ. އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ. ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، 16 އެނދުގެ، 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒެކެވެ.