English Edition
Dhivehi Edition
ބޮރޫޝިއާ ޑޯޓްމަންޑްގެ ކުޅުންތެރިން ޖަރުމަން ކަޕްގެ ތަށްޓާއެކު.--ފޮޓޯ: ޓުވިޓާ

ޖަރުމަން ކަޕްގެ ފައިނަލްގައި އާރްބީ ލީޕްޒިގު އަތުން 4-1 އިން ހޯދީ މޮޅާއެކު ބޮރޫޝިއާ ޑޯޓްމަންޑުން އެ މުބާރާތުގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން ޑޯޓްމަންޑުން އެ މުބާރާތުގެ ޗެމްޕިއަން ހޯދި ފުރަތަމަ ފަހަރެވެ. އޭގެކުރީން، އެ ޓީމުން ވަނީ 1965 އާއި 1989 އަދި 2012 ވަނަ އަހަރުގެ ޖަރުމަން ކަޕް ކާމިޔާބުކޮށްފައެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑްނަގައިދިނީ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ އެވެ. އޭގެފަހުން މެޗުގެ 28 ވަނަ މިނެޓުގައި ނޯވޭގެ އިތުބާރު ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ އެ ޓީމުގެ ކެޕްޓަން މާކޯ ރޮއިސް ދިން ބޯޅައަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސަންޗޯ ވަނީ ޑޯޓްމަންޑްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ރޮއިސް އެވެ.

މި މެޗުގައި ލީޕްޒިގުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ޑަނީ އޮލްމޯ އެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ހާލަންޑް ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ޑޯޓްމަންޑުން ވަނީ މޮޅު ޔަގީންކޮށްފައެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ހާލަންޑް ކުޅުނު 39 މެޗުގައި އެ ޓީމަށް ޖަހައިދިނީ 39 ވަނަ ގޯލެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑަށް ލަނޑުޖަހައިދިން ސަންޗޯ ވަނީ މި މުބާރާތުގެ ތާރީޚުގައި ފައިނަލްގައި ދެގޯލް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޑޯޓްމަންޑްގެ ފޯވާޑްލައިންގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އިނގިރޭސިވިލާތަށް އުފަން ސަންޗޯގެ އުމުރަކީ 21 އަހަރެވެ.

މީގެއިތުރުން، ޑޯޓްމަންޑުން މި މުބާރާތުގެ ތަށި ކާމިޔާބުކުރުމާއެކު އެ ޓީމަށް އިރުޝާދު ދެމުން އަންނަ އެޑިން ޓާޒިޗް ވަނީ ތާރީޚުގެ ތެރެއަށް ޖެހިލާފައެވެ. އޭނާ އަކީ 1998/99 ވަނަ އަހަރުގެ ސީޒަނުގައި ވާޑާ ބްރޭމަން އާއެކު ތޯމަސް ޝާފް ޖަރުމަން ކަޕް ކާމިޔާބުކުރިފަހުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެންމެ ޒުވާން ކޯޗެވެ. އެ މުބާރާތުގެ ތަށި ޝާފް އުފުލާލިއިރު އުމުރަކީ 38 އަހަރާއި 43 ދުވަހެވެ. މި ފަހަރުގެ މުބާރާތް ޑޯޓްމަންޑުން ކާމިޔާބުކުރިއިރު ޓާޒިޗްގެ އުމުރަކީ 38 އަހަރާއި 195 ދުވަހެވެ.