English Edition
Dhivehi Edition

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުންގެ ނަމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ރިޕޯޓު އާންމުކުރުން ވެގެން ދިޔައީ ސަރުކާރާއި އިދިކޮޅު މެމްބަރުންގެ އިތުރުން ދިވެހި ރައްޔިތުންގެ މެދުގައި ‘ގޮވި’ ބޮޑު ބޮމަކަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ. މަޖިލީހުން އާންމު ކުރި ލިސްޓުގައި ހިމެނޭ 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ. މި ލިސްޓު އާންމުކުރުމާއި އެކު ސޯޝަލް މީޑިއާ ކެކި އުތުރިގަތީ މި ގައުމުގައި ކޮރަޕްޝަނާއި ވައްކަން ގޮސްފައިވާ މިންވަރާއި މެދު ހިތާމަކުރާ ހާލުގައެވެ.

މީގެކުރިން ސޯޝަލްމީޑިއާގައި ދަރުވި ލިސްޓުގައި ހިމެނޭ މީހުންނާއި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ގިނަ ބަޔަކު ތުހުމަތުކުރި މީހުން މި ލިސްޓުގައި ނެތުން ވެގެން ދިޔައީ އެމީހުންނަށް ތާއިދުކުރާ ފަރާތްތަކަށް ލިބުނު ބޮޑު އުފަލަކަށް ވެގެން ދިޔައެވެ، ހަމައެއާއި އެކު ލިސްޓުގައި ނަން ހިމެނޭ މީހުންގެ ސަޕޯޓަރުން އެމީހުންގެ ދިފާއުގައި ނިކުމެ، ލިސްޓުގެ ސައްހަކަން ގެއްލިފައިވާކަން ދެއްކުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ‘ބޭފުޅުން ވެސް އަންނަނީ އެމީހުންގެ ދިފާއުގައި ވާހަކަދައްކަމުންނެވެ.

  • އަބްދުއްރަހީމް އަބްދުﷲ(އިދިކޮޅު ކޯލިޝަންގެ ވަގުތީ ރައީސް): އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ހިޔާނާތް ކޮމިޝަނުން އަދުރޭއާ ސުވާލު ވެސް ކޮށްފައިވާއިރު، އަދުރޭވަނީ ލިސްޓުގައި ނަން ހިމެނީ އަބުރު ކަތިލުމަށް ކަމަށެވެ. އިތުރަށް އަދުރޭ ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެކަމަށާއި މަތިއްމައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއް ނެތި ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ
  • އަހުމަދު ޝިޔާމް(ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު): ޝިޔާމް ވިދާޅުވީ އޭނާގެ ނަން ހިޔާނާތުގެ ލިސްޓުގައި ހިމަނާފައި ވަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އޭނާ މަސައްކަތް ކުރާތީ ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާގޮތަށް އަދީބު ބަޔާން ދެއްވާފައި ވަނީ ގޭގައި ހުންނަވަައިގެން ހުކުމް ތަންފީޒު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ޝިޔާމްވަނީ ތުހުމަތުކުރައްވާފައެވެ.އިތުރަށް އޭނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް އައީ އިހުލާސްތެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ސިޔާސީ ހަޔާތް ﷲގެ އިރާދަފުޅުން ނިންމާނީވެސް އެގޮތުގައި ދެމިހުރެގެންކަމަށް ޝިޔާމު ވިދާޅުވިއެވެ.
  • ޣައްސާން މައުމޫނު (ގުރައިދޫ ދާއިރާގެ މެމްބަރު): ލިސްޓުގައި ޣައްސާންގެ ނަން ހިމެނިފައިވާއިރު މިކަމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ ކަމަށެވެ. އަދި ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ ޣައްސާން ވަނީ ސުވާލުކުރައްވާފައެވެ.
  • ހަސަން ޒިޔަތު(ކުރީގެ އޮޑިޓާ ޖެނެރަލް): މި ލިސްޓު އާންމުކުރުމާއެކު ޒިޔަތު ވިދާޅުވެފައި ވަނީ އޭނާ އަށް ލިބުނު ފައިސާއަކީ 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އޭނާ ވާދަކުރިއިރު ކެމްޕޭނަށް ލިބުނު ފައިސާ ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ، ލިސްޓުގައި ނަން ހިމެނުމާއި ގުޅިގެން ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށް ވިދާޅުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
  • އިބްރާހިމް މުއާޒް(ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު): މުއާޒް ވިދާޅުވީ އޭނާ އަކީ އޭރުގައި އޮތް “ޓީމު އަދީބު” އަށް ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި މީހެއްކަމަށާއި އަދި އޭނާ އަކީ އަދީބުގެ އިސްތިއުފާއަށްވެސް ގޮވި މީހެއްކަމަށެވެ. މިކަމަށް ހެކިވާނެ ވަރަށް ގިނަ ބަޔަކު ތިބޭނެކަން ފާހަގަކޮށް މުއާޒް ވިދާޅުވީ އަދީބުގެ ފަރާތުން އޭނާ އަށް ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށް ބުނުމަކީ ބުއްދި ވެސް ގަބޫލު ކުރާނެ ވާހަކައެއް ނޫން ކަމަށެވެ. އިތުރަށް މުއާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށާއި އެކަމާއި ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށެވެ
  • މުޙައްމަދު ނާޒިމް(ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ދަނގެތި ދާއިރާގެ މެންބަރު): މި ލިސްޓުގައި ނަން ހިމެނުމާއި ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވެސް އޭނާ ހާޒިރުކޮށްފައި ނުވާ އިރު އެއްވެސް ވަރަކަށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އިތުރަށް ނާޒިމް ވިދާޅުވީ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމަނާފައި ވަނީ ސިޔާސީ ގޮތުން އަގު ވައްޓާލުމުގެ މަގްސަދުގައި ކަމަށެވެ.
  • އަލީ ނިޒާރު(އައްޑޫ ސިޓީ އިންތިހާބީ މޭޔަރު): ހިޔާނާތް ހިންގިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ނިޒާރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.އިންފޮމޭޝަން ކަލެކްޝަން ޖަހައި، އެއީ ވަގެއް ކަމަަށް ނިންމައި، މީހުން ބަދުނާމު ކުރެވިގެން ނުވާނެ. ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ސާފުވަމުން މި ދަނީ” ނިޒާރު ވިދާޅުވިއެވެ.
  • އިބްރާހިމް ޝުޖާއު(ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް): އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ވިދާޅުވެ ޝުޖާއުވަނީ އެކަން ދޮގުކުރައްވާފައެވެ. އިތުރަށް ޝުޖާއު ވިދާޅުވީ ފައިސާ ނެގި ކަމަށް ތުހުމަތު ކުރަނީ ސިޔާސީ ގޮތުން އަނބުރު ކަތިލުމުގެ ނިޔަތުގައި ކަމަށާއި މިއީ އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ފުނޑާލުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

ހިޔާނާތުގެ ފައިސާލިބުނު ގިނަ މީހުން ތުހުމަތުތަކަށް އިންކާރުކޮށްފައިވާއިރު ގިނަ މީހުންވަނީ މިއީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށްޓަކައި އެކުލަވަލާފައިވާ ލިސްޓެއްކަމަށެވެ.

1 ކޮމެންޓް
teacher
މެއި 13, 2021
dhogennama aburuge dhauvaa kollabala. kereynama