ސިންގަޕޫރަށް ދިރިއުޅުން ބަދަލުނުކުރައްވާކަމަށާ، ބޭސް ފަރުވާގެ ކަންކަން ނިމުމުން އެބުރި ރާއްޖެ ވަޑައިގަންނަވާނެކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ވިދާޅުވެއްޖެއެވެ.
އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު އަދީބުގެ ދިރިއުޅުން އެއްކޮށް ސިންގަޕޫރަށް ބަދަލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ އަދީބު ވިދާޅުވީ ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށްކަމަށާ ފަރުވާ ނިމުމާއެކު ރާއްޖެއަށް ވަޑައިގަންނަވާނެކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދީބް ހާމަކުރައްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 13 ވަނަ ދުވަހު މައާފު ދެއްވާފައެވެ. އަދީބުގެ އިތުރުން، ސޯލިހު ދެން މައާފު ދެއްވީ އެ މައްސަލައިގައި 32 އަހަރަށް ޖަލަށް ލާން ހުކުމްކުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.
ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ރައީސް ސޯލިހް އަދީބް އާއި ޒިޔާތުއަށް ދެއްވި މައާފާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ މަނިކުފާނަށް އަމާޒުވެގެން ދިޔައިރު ވޭތުވެ ދިޔަ ފަސް އަހަރު އެމްޑީޕީ ސަރުކާރު ކޯލިޝަންގެ ގޮތުގައި އޮތް އަދާލަތު ޕާޓީން ވެސް ވަނީ މި ނިންމުމާ ގުޅިގެން ފާޑުކިޔާފައެވެ.