ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ވަރަށް ސީރިއަސް ޒަހަމްތަކެއްވެ، އޭޑީކޭ ހޮސްޕިޓަލުގައި ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އެ މަނިކުފާނު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރައި ވަޑައިގަތީ އެއާ އެމްބިއުލާންސެއްގަ އެވެ،
މިއަދު ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލް އިން ޑިސްޖާޗްކޮށް. ވެލާނާ އެއާޕޯޓަށް ދިޔުމަށް އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރު ފެށީ ހެނދުނު 11:00 އެހާކަންހާއިރު އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، އޭޑީކޭ ހިމެނޭ ސަރަހައްދުގެ އިތުރުން އެމަނިކުފާނުގެ މޮޓޯކޭޑް ދަތުރު ކުރައްވާ މަގުތަކުގައި ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އަދި މަޖީދީ މަގާއި ރިންގު ރޯޑްގައި ހަތިޔާރު އެޅި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވިއިރު ބުރިޖް ކައިރިން ކަނޑުމަތީގައިވެސް ކޯސްޓް ކާޑުގެ އުޅަނދުތައްވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.