އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު, އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޒިޔަތު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވާފައިވާއިރު، އޭނާ ވިދާޅުވީ މިއަދު އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓްގައި އޭނާގެ ނަން ހިމަނާފައި އޮތުމުން މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.
އެލިސްޓްގައި ނަން އޮތުމުން ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށް ޒިޔަތުވަނީ ވިދާޅުވެފައެވެ. އިތުރަށް ޒިޔަތު ވިދާޅުވީ ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދިނީކަމަށެވެ.އަދި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ޒިޔަތު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓުގައި 282 މީހަކު
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުން ހިމެނޭއިރު މި ލިސްޓު އާންމުކުރުމާއެކު ޒިޔަތު ވިދާޅުވެފައި ވަނީ އޭނާ އަށް ލިބުނު ފައިސާއަކީ 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އޭނާ ވާދަކުރިއިރު ކެމްޕޭނަށް ލިބުނު ފައިސާ ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ،