އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުންގެ ނަމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓު އާންމުކޮށްފިއެވެ.
ރޭ ސޯޝަލްމީޑިއާގައި ދައުރުވި ލިސްޓާއި މިއަދު އާންމު ކުރި ލިސްޓުގައި ތަފާތުތަކެއް ހުރި އިރު ރޭ މީޑިއާގައި ދައުރުވީ ސައްހަ ލިސްޓެއް ނޫންކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ރޭ އާންމު ލިސްޓުގައި ހިމެނޭ ބައެއް ނަންތައް މަޖިލީހުން އާންމުކުރި ލިސްޓުގައި ނެތްއިރު، މި ލިސްޓުގައި ނަން ނެތް ބޭފުޅުންގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހިމެނެއެވެ.
ކުރިން ދައުރުވި ލިސްޓުގައި ނެތް ބައެއް ނަންތައް މަޖިލީހުން އާންމު ކުރި ލިސްޓުގައި ހިމެނޭ އިރު އޭގެ ތެރޭގައި އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރ އަލީ ނިޒާރު އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އެއްކޮށްލައިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކުގައެވެ.
މަޖިލީހުން އާންމު ކުރި ލިސްޓުގައި ހިމެނޭ 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ.