English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ހަމަލައަކީ، މިހާތަނަށް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުންނާއި ހަމައިން ނިމޭނެ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން އެ ހަމަލާގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެ ހަމަލާ އަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ، އަދި އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތު ކަމެއް ހުރި މީހަކު ކުރާނެކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީމީހެއްގެ ފުރާނަ ދުއްވައިލުމަށް ދޭ އެފަދަ ހަމަލާތަކުން، އެކަން ކުރާ ބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލު ނުވާނެކަމަށެވެ. އަދި މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ގާނޫނުތައް އެ ފަދަ މީހުން ވަށައިލާނެކަމަށާއި އަދުލު އިންސާފު އަރައި ހަމަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަަލައިގައި ހައްޔަރުކޮށްފައި ވަނީ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގެ އިތުރުން ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީނު އަހުމަދު 32 ކެވެ.