English Edition
Dhivehi Edition

ފިތުރު ޢީދާއި އަޟްހާ ޢީދަކީ ދިވެހިންގެ ހިތްތަކާއި އެންމެ ކުރީ ޒަމާނުއްސުރެވެސް ގުޅިފައިވާ ދެ ޢީދެވެ. ޢީދެއް ކައިރިވާނަމަ ހުރިހާ ރަށްތަކުންވެސް ޢީދު އުފާ ފާހަގަކުރުމަށް ވަރަށް ކުރިން ތައްޔާރު ވާން ފަށާނެއެވެ. މަޖާ ކުޅިވަރުތައް އެންމެން އެކީ ކުޅުމަށް ރާވައެވެ. މިއަހަރުގެ ފިތުރު އީދާއި ކުރިމަތިލާއިރު، ހިތާމައަކީ މިއަހަރުގެ ފިތުރު އީދު އަހަރެމެންނަށް ވޭތުވެދިޔަ އަހަރުތަކުގައި ފާހަގަކުރި ފަދައިން ކުލަ ގަދަކޮށް ފާހަގަ ނުކުރެވޭނެތީއެވެ. ކޮވިޑް-19 ގެ ސަބަބުންނެވެ.

އާއިލާއާ ދުރުގައި ވަޒީފާ އަދާކުރާ މީހުންނަށް އީދު ޗުއްޓީއަށް އާއިލާ ކައިރިއަށް ނޭދެވުމަކީ ބޮޑު ހިތްދަތިކަމެކެވެ. ލޯބިވާ މައިންބަފައިންނާއި އަނބިމީހާއާއި ދަރިންނާއިއެކު އީދުގައި ވަގުތު ހޭދަކުރަން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކެވެ. މާލޭގައި ކިޔަވަން އުޅޭ ކުދިންވެސް ޢީދަށް ކޮންމެހެން ހަދާފައިވެސް ރަށަށް ދާން ބޭނުން ވާނެއެވެ. އެހެންނަމަވެސް ބައެއް ފަހަރު އަމިއްލަ ރައްކާތެރިކަމަށާއި އާއިލާއާއި ލޯބިވާ މީހުންގެ ރައްކާތެރިކަމަށް ބަލާފައި ބައެއް ކަންކަން ނުކޮށް ތިބެން ޖެހޭނެއެވެ. އަހަރެމެން އެންމެންނަށްވެސް އެނގޭނެ ފަދައިން ނުރައްކާތެރި ކޮވިޑް-19 ވައިރަސް ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ހާއްސަކޮށް މާލެއާއި އައްޑޫ ސިޓީގެ އިތުރުން ބޮޑެތި އާބާދީ ހުރި ރަށްރަށް ފާހަގަކޮށްލެވެއެވެ. ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު މުޅި ރާއްޖެއިން ދުވާލަކަށް ފައްސިވާ މިންވަރު އުޅެނީ އެވްރެޖްކޮށް ހާހަކުން މަތީގައެވެ.

ނުރައްކާ އޮތީ މާލޭގައި އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މިބަލި ކޮންމެވެސް ވަރަކަށް އެބައޮތެވެ. ރާއްޖެތެރޭގައި ކޮވިޑު ނެތް ރަށްރަށުގައިވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިފަހަރު އެހެން ފަހަރުތަކާ ޚިލާފެވެ. އެޗް ޕީ އޭ ގެ ހުއްދަ ލިބިގެން ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ކުރުން މިފަހަރު ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އޭގެ މަނާއަކީ އީދުގެ އުފަލުން މަޙްރޫމްވެގަތުމެއް ނޫނެވެ. މި ބަލީގެ ނުރައްކާ ބޮޑުކަމުން އެއްރަށުން އަނެއްރަށަށް ނުވަތަ އީދު ފާހަގަކުރަން ތިދާ ރަށުން އެނބުރި އަންނަ އިރު އަނބިދަރިންނަށް ހަދިޔާއަކަށް ކޮވިޑް-19 ގެ ނުބައި ވައިރަސް ހިފައިގެން އާދެވިދާނެތީއެވެ. ކޮވިޑް-19 ފެނުނު ބައެއް ރަށްރަށުން މި ބަލި ފެނިފައި ވަނީ ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ފުށުންނެވެ. ކަރަންޓީން އުސޫލުތަކާއި ޚިލާފް ވެގެންނެވެ. އެހެން ގޮސް ތިބޭ މީހުންނާ އެމީހާ ހުންނަ ގޭގެ މީހުންނާ ވެސް ބައްދަލުވެ، އެމީހާ އެހެން މީހުންނާ ބައްދަލުވެ މިގޮތުން ބަލި ހުރި ނެތް މީހަކު ނޭނގޭ ފަދަ ގޮތްގޮތަށް ވެސް ކޮވިޑް ފެތުރޭކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ. މިބަލި ރާއްޖެތެރޭގައި ފެތުރިފައިވަނީވެސް މިދެންނެވި ގޮތަށެވެ.

މިފަދަ ޙާލަތެއްގައި ގައުމު އޮތް ހިނދު އަހަރެމެންގެ ބޮލުގައި ވެސް ޒިންމާތަކެއް އެޅިފައި އެބަވެއެވެ. ފަރުދީ ޒިންމާ އަދާ ކުރައްވާށެވެ. ފޭސް މާސްކު އަޅުއްވާށެވެ. ގިނައިން އަތް ދޮންނާށެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދަށް ބޯލަނބާށެވެ. މުސީބާތުގެ މި ދަނޑިވަޅުގައި ގޭގައިތިބެގެންވެސް ޢީދު އުފާ ކޮށްލެވިދާނެއެވެ. ދިވެހިރާއްޖެ މިއަދު މިއޮތީ އެންމެން އެއްތާކަށް އެއްވެ މަޖާކޮށް ޢީދު ފާހަގަކުރާ ވަރަށްވުރެ ނާޒުކު ފައްތަރެއްގައެވެ. މި ބަލިމަޑުކަމުން ސަލާމަތްވެ ﷲގެ ރަޙްމަތުން އަހަރެމެންނަށް ޢީދުއުފާ އެހެން ފަހަރަކުންވެސް، އެހެން ޢީދެއްގައި ކުރެވިދާނެއެވެ. މާތް ﷲ ގެ އިރާދަފުޅުން މި ބަލިމަޑުކަމުން އަވަސް މުސްތަގްބަލެއްގައި މި ދިވެހި އުންމަތް ނަޖާ ކުރެއްވުން އެދި ދުޢާ ދަންނަވާ ޙާލު މުސްލިމް އުންމަތަށް “عيد مبارك ” ކިޔަމެވެ.