English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދުގެ ރަށްތަކަށް މިއަދު 22:30 އިން މެންދަމު 03:30 އަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި މި ސަރަޙައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ހާމަކުރެއެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިރޭ 08:00 އިން މާދަމާ ރޭގަނޑު 08:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.