English Edition
Dhivehi Edition

މާދަމާ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އާ ހަމައަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގާ ގޮތަށް ހަމަޖައްސައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި ހާހަކުން މައްޗަށް ގޮސްފަ އެވެ.

އެކްޓިވް ކޭސް ތައް ގިނަވެ ޕޮސިޓިވްވާ މީހުންގެ އަދަދު ގިނަވުމާއި އެކު މާލޭގައި ރައްކާތެރިކަމުގެ ގޮތުން އެޗް ޕީ އެން އެޅި އިތުރު ފިޔަވަޅުގެ ތެރޭގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގައި އެތެރޭގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައި ވެއެވެ. ނަމަވެސް ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން، ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދޭން ހުއްދަ ދީފައި ވެއެވެ. ޑެލިވަރީގެ ހިދުމަތް ދެވެނީ، ފުލުހުންގެ ހުއްދައިގެ ދަށުން މެންދަމު 12 އާ ހަމައަށެވެ.

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިއްޔެ އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 116 މީހަކު ޖޫރިމަނާ ކުރި ކަމަށާއި ވެހިކަލް ދުއްވި 10 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ބުނެފައެވެ.

މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ. މިހާރުވެސް މާލޭގައި ވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައެވެ. އަދި ސްކޫލްތަކާއި، ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އަންގައި އޮފީސްތައް ބަންދު ކުރަންވެސް ވަނީ އަންގައިފައެވެ.