English Edition
Dhivehi Edition
ހުޅުމާލެ

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި، ގަރާޖުގެ ވެރިފަރާތަށް އެނގުމަކާއި ނުލައި އެ ގަރާޖުތަކުގައި އުޅަނދު ރަޖިސްޓްރީ ކުރަމުންގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިކަން ޙައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާކަމަށެވެ. މިގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުމަކާ އެކުކަމަށެވެ. އަދި ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހަޅަންޖެހޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ،

މީގެ އިތުރުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް، ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޟު ނުކުރާކަމުގެ ސިޓީގެ ސައްޙަކަން ކަށަވަރު ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.މީގެ އިތުރުން އުޅަނދު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ގަރާޖަކީ އުޅަނދު ބޭއްވޭގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.