English Edition
Dhivehi Edition

ލޯކަލް ކައުންސިލުގެ 4 ވަނަދައުރުގެ ފުވައްމުލަކު ސިޓީގެ އިންތިޚާބީ މޭޔަރާއި ކައުންސިލަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. އިއްޔެ ހެނދުނު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މަގާމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުންވެސް އޮތެވެ. މިބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ޏ، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލްއުސްތާޒާ ޚަދީޖާލީނާއެވެ.

ކޮވިޑު19އިގެ ގެ ކޭސްތައް ފުވައްމުލަކުން ފެނި ރަށް މޮނިޓައިންއަށް ލެވިފައިވާތީ މި މިރަސްމިއްޔާތު ކުރިއަށްދިޔައީ މަދުބަޔަކަށް ދައުވަތުދީގެން ޏ،އަތޮޅުތައުލީމީ މަރުކަޒުގެ ހޯލުގައެވެ. މިރަސްމިއްޔާތުގައި، ނިމިދިޔަ ލޯކަލްކައުންސިލު އިންތިޚާބުގެ 3 ވަނަ ދައުރުގެ މޭޔަރު ފަލާހު ޝަރީފާއި، ޑެޕިއުޓީ މޭޔަރު ލިރާރުއަލީގެ އިތުރުން ކައުންސިލު މެމްބަރު ހަމަދުއަބުދުﷲ ވެސް ބައިވެރިވިއެވެ.
މި މިރަސްމިއްޔާތުގައި ވަނީ މިދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ. މިބައްދަލުވުމުގެ ރިއާސަތުގައި އިންނެވީ ފުވައްމުލަކު ސިޓީގެ އިންތިޚާބީ ފުރަތަމަ މޭޔަރު އަދި މިދައުރުގެވެސް މޭޔަރު، އިސްމާއީލުރަފީގެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުޅަކު ހޮވުންވެސްއޮތެވެ. ޑެޕިއުޓީ މޭޔަރު ހޮވުމަށްޓަކައި، އެމަގާމަށް ޝައުގުވެރިކަން ހުންނެވި މެމްބަރުންގެ ނަންތައް ހުށައެޅުމަށް ހުޅުވައިލި ފުރުސަތުގައި، އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންވެސްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރުން ކަމަށްވާ، ހުޅަގު އުތުރު ދާއިރާގެ މެމްބަރު އައިޝަތު އަބުދުލްގާދިރު އާއި، މެދު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލު ދީދީގެ ޝައުގުވެރިކަން މިމަގާމަށް ފާޅުކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ މެޖޯރިޓީއޮތް މިކައުންސިލުގެ ހުރިހާ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު ވޯޓުލުމުގެ ފުރަތަމަ ބުރުގެ ވޯޓުގެ ވޯޓުގެ ނަތީޖާއަކީ، އިރުއުތުރު ދާއިރާގެ މެމްބަރު އަބުދުﷲ ނާސިރު އަޙުމަދަށް 3 ވޯޓު، މެދުއުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ފިކުރީއަށް 3 ވޯޓު ، ހުޅަގު ދެކުނު ދާއިރާގެ މެމްބަރު އާމިނަތު އިނާޔާއަށް 1 ވޯޓު އަދި އިރު ދެކުނު ދާއިރާގެ މެމްބަރު، އިބުރާހިމް އަހުމަދަށް 1 ވޯޓެވެ. މި ނަތީޖާ ދެއްކިގޮތުން ދެމެމްބަރަކަށް ވޯޓު އެއްވަރު ވުމާއި ގުޅިގެން ދެވަނަ ފަހަރަށް ވޯޓުލާންޖެހުނެވެ. ދެވަނަ ފަހަރަށް ވޯޓުލައިގެން މިދައުރުގެ ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ހޯއްދެވީ މެދު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ފިކުރީއެވެ. ފިކުރީއަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެކެވެ. އެހެންކަމުން މިސިޓީގެ ކައުންސިލުގެ މޭޔަރުކަމާއި، ޑެޕިއުޓީ މޭޔަރުކަންވެސް ހޯއްދަވާފައިމިވަނީ އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ.
މީގެ އިތުރުން މަގާމުގެ އެއްބަސްވުމުގައި ސޮއިކުރި އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ރައީސާގެ މަގާމަށްވެސް ބޭފުޅަކުވަނީ ހޮއްވަވާފައެވެ. އެގޮތުން އެމްޑީޕީގެ މެޖޯރިޓީއޮތް މި ކޮމެޓީގެ ރައިސާގެ މަގާމުހޯއްދަވާފައިވަނީ ޕީޕީއެމަށް ނިސްބަތްވާ، މެދުދެކުނު ދާއިރާގެ މެމްބަރު މަރިޔަމް ދިޔާނާއެވެ.
މަގާމުގެ ހުވާކުރެއްވި މޭޔަރާއި ހުރިހާ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމްޓީގެ މެމްބަރުންނަށް އޭއޯ ޓީމުގެ ނަމުގައި ހޫނުމަރުހަބާއެއް ކިޔަމެވެ. އަޅުގަނޑުމެންގެ އެދުމަކީ މިދައުރުގައި ފުވައްމުލަކު ސިޓީއަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބިގެން ދިއުމެވެ. ރަށަށާއި ރައްޔިތުންނަށް އުފާފާގަތިކަން ލިބިގެންދިއުމެވެ.
މިފުރުސަތުގައި ނިމިދައުރުގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރު އަދި ކައުންސިލު މެމްބަރު، ރަށަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތް ފާހަކޮށް އެފަރާތަތަކަށް ޝުކުރު ދަންނަވަމެވެ.