މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި އައްޑޫ ސިޓީ އާއި ޏ. ފުވައްމުލައް ސިޓީ ގައި އެމްއެންޑީއެފުން ޕެރޭޑް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ޖޫން 28 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ ސ. ހިތަދޫގައި ކަމަށާއި އެ ދުވަހުގެ ހަވީރު 16:00 ހާއިރު، ހިތަދޫ ސްކޫލް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ އެ ރަށު “ސަރުސަނާ 3” ފިހާރަ ކުރިމައްޗަށް ކަމަށެވެ.
ޖޫން 29 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ޕެރޭޑް އޮންނާނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކަމަށާއި އެ ދުވަހުގެ ހަވީރު 16:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މީގެ އިތުރުން ޖޫން 30 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ ޕެރޭޑް އޮންނާނީ ހުޅުދޫ-މީދޫ ގައއި އެ ދުވަހުގެ ހަވީރު 16:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖެހިފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖެހިފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ ޖުލައި 01 ވަނަ ދުވަހު އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ޕެރޭޑް އޮންނާނީ ފުވައްމުލައްސިޓީގައި، އެ ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ.
އައްޑޫ ސިޓީގެ ރަށްތަކާއި ފުވައްމުލަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުން ވެސް ބައިވެރިވާނެއެވެ. އަދި ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ޕެރޭޑުގައި ފުވައްމުލަކު ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެއެވެ.