English Edition
Dhivehi Edition

ގދ.ކާޑެއްދޫ އެއާރޕޯޓް ވިލާއަށް ދިނުމަށް ސިވިލްކޯޓާއި ހައިކޯޓުން ކުރި ހުކުމް ސްޕްރީމްކޯޓުން ދަމަހައްޓައިފިއެވެ.

ކާޑެއްދޫ އެއާރޕޯޓް ހިންގުން 2013 ވަނަ އަހަރު 50 އަހަރަށް ވިލާ އެއާރ ކުންފުންޏަށް ދީފައި ވަނިކޮށް ޖެނުއަރީ، 2017 ގައި އެތަނުގެ އެއްބަސްވުން ބާތިލްކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކާޑެއްދޫ އެއާޕޯޓް ވިލާއެއަރގެ އަތުން އަތުލާފައިވެއެވެ. 2018 ވަނައަހަރު ސިވިލްކޯޓުން ހުކުމް ކޮށްފައިވަނީ ކާޑެއްދޫ އެއަރޕޯޓް އަލުން ވިލާއަށް ދިނުމަށެވެ. އެއަރޕޯޓް އަތުލާފައިވަނީ އެއްބަސްވުމާއި ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލްކޯޓުން ނިންމި މިހުކުމަށް 2019 ވަނަ އަހަރު ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

މިމައްސަލަ އިސްތިއުނާފްކުރުމަށް ދައުލަތުގެ ފަރާތުން ސްޕްރީމްކޯޓަށް ހުށަހެޅުމުން، ސްޕްރީމްކޯޓުގެ ތިންފަނޑިޔާރުންގެ ބެންޗުން ނިންމީ ސިވިލްކޯޓުން ކުރި ހުކުމް ދަމަހައްޓައި ކާޑެއްދޫ އެއަރޕޯޓް އަލުން ވިލާއެއަރއަށް ދިނުމަށެވެ.

މިއަދު އޮންލައިންކޮށް ކުރިއަށް ދިޔަ ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއް ގޮތަށް ވިލާއިން އަމަލު ކުރަމުން ނުދާކަން ސާބިތު ކުރަން ދައުލަތުން ހުށަހެޅި ލިޔެކިއުންތަކަކީ އެކަން ސާބިތު ކުރަން އެކަށޭނަ ލިޔުންތަކެއް ނޫން ކަމަށެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އުސޫލުތަކާ ޚިލާފަށް ވިލާއިން އެއާޕޯޓް ހިންގަމުންދާ ކަމަށް ތަކުރާރުކޮށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރަމުން ދިޔަ ނަމަވެސް އެކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށާއި، އެހެންކަމުން އެކަން ޝަރީއަތަށް ސާބިތު ނުވާކަމަށެވެ.