English Edition
Dhivehi Edition

ގދ. އަތޮޅުގެ މައި އެއާޕޯޓު ކަމުގައިވާ ކާޑެއްދޫ އެއާޕޯޓަށް 28 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ކާޑެއްދޫ އެއާޕޯޓަށް 28 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެއާޕޯޓުގެ މެނޭޖްމަންޓުން ވަނީ ކާޑެއްދޫގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަހަރީ ދުވަހުގެ ހަރަކާތްތަށް ކާޑެއްދޫގައި ފެށީ މިމަހުގެ 9 ވަނަ ދުވަހު އެވެ. އަދި އެހަރަކާތްތައް މިއަދުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކާޑެއްދޫ އަހަރީ ދުވަހުގެ މުނާސަބަތުގައި ވަންޑޭ ފުޓްސަލް މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ކާޑެއްދޫގެ 9 ސެކްޝަނަކުން ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކާޑެއްދޫ އޭވިއޭޝަން ސެކިއުރިޓީގެ ޓީމެވެ. އަދި ކާޑެއްދޫގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ބައިވެރިވި މަސްރޭހެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސްގެ ރީޖަނަލް ޑިރެކްޓަރ ސައުދުﷲ އަހުމަދު ބައިވެރިވެވަޑައިގެންފައިވާ ގަސް އިންދުމުގެ ހަރަކާތެއް ވެސް ކާޑެއްދޫގައި ކުރިއަށް ގެންގޮސްފައި ވަނީ ވެސް އެ އެއާޕޯޓަށް 28 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

ކާޑެއްދޫ އެއާޕޯޓަކީ ހުވަދުއަތޮޅުގެ މައި އަދި ހުވަދުއަތޮޅުގެ އެންމެ ގިނަ ދުވަސްވީ އެއާޕޯޓެވެ. ކާޑެއްދޫ އެއާޕޯޓް ރަސްމީކޮށް އޮޕަރޭޝަނަށް ގެނެސްފައިވަނީ 10 ޑިސެމްބަރު 1993 ގައި ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. ކާޑެއްދޫ އެއާޕޯޓް މީގެ ކުރިން ވިލާ އެއަރ އިން ވެސް ވަނީ ހިންގާފައެވެ.