English Edition
Dhivehi Edition

ކާޑެއްދޫ އެއާރޕޯރޓުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ބޭއްވުނު ހަފްލާގައި އެ އެއާރޕޯރޓުގައި މަސައްކަތްކޮށް މުސްކުޅި ކުރެވުނު މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ދީފިއެވެ.

އެ އެއާރޕޯރޓުގެ ލޭބަރ ކުއާޓާރ ސަރަހައްދުގައި ބޭއްވުނު މި ޙާއްސަ ހަފްލާގައި، 1992 ވަނަ އަހަރުން ފެށިގެން މި ޑިސެންބަރު މަހާއި ހަމައަށް އެ އެއާރޕޯރޓުގެ އެކި ދާއިރާތަކުގައި ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރެވުނު ބޭފުޅުންނަށް ޝަރަފްވެރި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކާޑެއްދޫ އެއަރޕޯރޓުގެ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކާޑެއްދޫ އެއާރޕޯރޓްގެ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ މި ދައުރު ނިމުމުގެ ކުރިން އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ ކާޑެއްދޫ އެއާރޕޯރޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަކީ އެތަކުގެ މުވައްޒަފުންގެ އިތުރުން އެތަނުން ޚިދުމަތް ލިބިގަންނަ އެންމެންގެ ވާޖިބެއް ކަމުގައެވެ.

“ﷲ އިރާދަކުރެއްވިއްޔާ ޤައުމީ ފެންވަރުގަ މުހިއްމު އެއާރޕޯރޓަކަށް ކާޑެއްދޫ އެއާޕޯރޓް ވެގެން ދާތަން ފެންނާނެ އަދި ﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަޅުގަނޑުމެން މި އެއާރޕޯރޓުން ދުނިޔޭގެ އެތައް ތަނަކަށް ސީދާ ދަތުރުކުރާނެ” – މުޙައްމަދު ޝަރީފް

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ ޝަރަފްވެރިކޮށްދެއްވީ މި ހަފްލާގައި އެކި ގޮތްގޮތުން އެ އެއާރޕޯރޓަށް އެހީތެރިކަން ފޯރުކޮށްދެއްވި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މި ހަފްލާގައި ޝަރަފްވެރި މެހެމާނުގެ އިތުރުން ތިނަދޫގެ އެކި މުއައްސަސާތަކުގެ އިސް ވެރިން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން އަހަރީ ދުވަހާއި ގުޅުވައިގެން އެއާރޕޯރޓުގެ މުވައްޒަފުންނަށް ބޭއްވުނު ފުޓްސެލް މުބާރާތާއި މަސް ރޭހުން ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށްވެސް މި ހަފްލާގައި ވަނީ ހަނދާނީލިޔުމާއި ހަނދާނީ ފިލާ ދެއްވާފައެވެ. ހަފްލާ ނިމިގެން ދިޔައީ އެ މަސް ރޭހުގައި މުވައްޒަފުން ބޭނި ފަރު މަހުން ތައްޔާރުކޮށްފައި ހުރި ދިވެހި ކެއުމަކާއި އެކު މުވައްޒަފުންގެ ބޮޑުބެރު ލަވަތަކުންނެވެ.