English Edition
Dhivehi Edition
25 މާޗު 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން - ފޮޓޯ: އަހުމަދު ޝުރާއު (ވީނިއުސް)

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 09:45 ގައި ކ. މާފުށިން މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 87 ވަނަ މީހާއެވެ. އަދި މިއީ މިއަދު މިހާތަނަށް ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި ތިންވަނަ މީހާއެވެ. މިއަދު ހެނދުނުވެސް އުމުރުން 75 އަހަރުގެ އަންހެނަކާއި 85 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35،815 އަށް އަރައިފައިވެ އެވެ. މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 26،299 މީހުން ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 4،507 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު 9،423 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 250 މީހަކަށެވެ.