English Edition
Dhivehi Edition
ހަކުރު ބަލީގެ ފަރުވާ ހޯދުމަށް ބޭނުންކުރާ އިންސިއުލިން ބޭނުންކުރަނީ

ރާއްޖޭގައި ތިންވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށާއި، 7،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގައިންގަޔަށް ނާރާ ބަލިތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ހަކުރު ބަލީގައި ކަމަށް އެ އެޖެންސީން ފާހަގަކުރި އެވެ.

ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހަކުރު ބަލީގެ އެކި ވައްތަރުތަކަށް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ޓައިޕް 2 ގެ ހަކުރު ބައްޔަށް 7،000 މީހުން ފަރުވާ ހޯދަމުން އަންނައިރު، ޓައިޕް 1 ގެ ހަކުރު ބައްޔަށް 300 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހަކުރު ބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ހާއްސަކޮށް ޓައިޕް 2 ގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، ބަރުދަން އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ އިންސިއުލިން އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭތީ އެވެ. އަދި ސްޓެޕް ސާވޭގެ ނަތީޖާތަކަށް ބަލާއިރު ރާއްޖޭގެ ފިރިހެނުންގެ 35.6 ޕަސެންޓު މީހުންނާއި އަންހެނުންގެ 7.6 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ވެސް އެ އެޖެންސީން ފާހަގަކުރި އެވެ.

މި ބަލިން ރައްކާތެރިވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވައިދުން ކަސްރަތުކުރުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި “ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031” ގެ ދަށުން ބަލި ދުރާލާ ދެނެގަތުމަށް ސްކްރީނިންގެ ހިދުމަތްތައް ހަރުދަނާކުރަމުން އަންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.

 

ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ‘ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް’ ތައާރަފުކުރުމަށާއި، މުޅި ރާއްޖޭގައި ހާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.