English Edition
Dhivehi Edition

ރަންބީރު ކަޕޫރު އަކީ އޭނާ ފިލްމީ ދާއިރާއަށް ތައާރަފުވި ދުވަހުން ފެށިގެން، އަބަދުވެސް އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާގައި އެކި ގޮތްގޮތަށް ދެކެވެމުންދާ ތަރިއެކެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރު ވަނީ މިދިޔަ އަހަރު ފަހުކޮޅު ދެމީހުން ކައިވެނިކުރަން އުޅޭކަމަށް ބުނެފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ކުރީކޮޅު ދެމީހުންގެ ފަސްއަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައުން ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނު ހަބަރަކަށެވެ. އެ ދުވަހުން ފެށިގެން ރަންބީރު ހުސްކޮށް ހުރިކަމަށް ގިނަބަޔަކު ބުނެފައިވާއިރު، މިހާރު ރަންބީރު އާއި ޕާކިސްތާނުގެ ބަތަލާ މާހިރާގެ ގުޅުމުގެ ވާހަކަ އަކީ އެންމެ ހަލުވިކަމާއެކު މީޑިއާގައި ދެކެވޭ ވަހަކައެވެ.

މިހާރު ޗުއްޓީއެއްގައި ނިއުޔޯކް ސިޓީއަށް ރަންބީރު ގޮސްފައިވާއިރު ގިނަބަޔަކު ބުނަމުންދަނީ، އޭނާގެ މި ދަތުރަކީ މާހިރާއާއި އެކު ޗުއްޓީ ހޭދަކޮށްލަން ކުރި ދަތުރެއް ކަމުގައެވެ. ފަވާދު ހާންގެ ފަރާތުން މާހިރާ، ރަންބީރަށް ތައާރަފުވެފައިވާއިރު މި ދެތަރިން އެކުގައި ނިއުޔޯކްގައި ނަގާފައިވާ ފޮޓޯތައް ދަނީ މީޑިއާގައި ދައުރުވަމުންނެވެ. މިއަހަރު މާޗް މަހު ދުބާއީގައި ބޭއްވި ގްލޯބަލް ޓީޗާސް ޕްރައިޒް ސެރެމަނީ ގައި ދެތަރިން ބައިވެރިވެފައިވާއިރު އޭރުވެސް ދެމީހުން ރައްޓެހިވެގެން އުޅޭކަމަށް މާހިރާގެ އެކުވެރިއަކުވަނީ ބުނެފައެވެ.

މާހިރާއާއި ރަންބީރުގެ ފޮޓޯތަކާ ގުޅިގެން ރިޝީ ކަޕޫރު ބުނެފައިވަނީ އޭނާގެ ދަރިފުޅަކީ ހުސްކޮށް ހުރި މީހެއް ކަމުގައެވެ. އަދި ރަންބީރު ބޭނުން ކޮންމެ މީހަކާ ގުޅުމުގެ ފުރުސަތު އޭނާއަށް ލިބިގެންވާ ކަމަށާއި މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. ރަންބީރު އާއި މާހިރާގެ ގުޅުމުގެ ވާހަކަ މީޑިއާއަށް ތިލަވެފައިވާއިރު މީގެ ހަފްތާއެއް ކުރިން ރަންބީރު ބުނެފައިވަނީ މީ އޭނާ ލޯބިވެރިއެއް ނެތި ހުސްކޮށް ހުރި ދުވަސްކޮޅެއްކަމަށެވެ.އަދި ފިލްމީ ދާއިރާގެ މަސައްކަތް ފިޔަވައި އެހެން މަސައްކަތެއްގައި އެއްވެސް މީހަކާ ބައްދަލުނުކުރާކަމަށް އޭނާ ވަނީ ބުނެފައެވެ

ޓެގު