English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި އައިޖީއެމްއެޗްގެ ކުއްލި ފަރުވާދޭ ކޮޓަރިއަށް ގެނެވުނު އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވެފައި ވަނީ ފަތިހު 4:45 ގައެވެ.

މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 84 ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 34،724 އަށް އަރައިފައިވެ އެވެ. މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 25،992 މީހުން ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 4،014 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު 8،640 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 230 މީހަކަށެވެ.