ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް، މިހާރު އެންމެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ރޭ، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކެނެރީގެއިން ނިކުމެ ވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން ދަނިކޮށް ބަޔަކު އެއްޗެއް ގޮއްވާލި ހަމަލާގައި އެމަނިކުފާނަށް އެތައް ޒަހަމްތަކެއް ލިބިވަޑައިގަތުމާ ގުޅިގެން އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނައިރު އެމަނިކުފާނުގެ ހާލަތު އަދި ގޯސް ކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
ރޭގެ މި ހަމަލާ އާއި ގުޅިގެން އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ، ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ސިފައިންގެ އެންމެ މަތީ އެލާޓް ލެވެލް އަށް ބަދަލުކޮށްފައިވާ ކަމަށެވެ. “ގައުމީ ދިފާއީ ބާރުގެ ސްޓޭޓަސް މިހާރު އޮތީ ޓެރަރިޒަމްގެ ހަމަލާތައް އައިސްގެން އުޅޭ ސްޓޭޓަސްގައި. މިހާރު އޮތް ބިރުވެރިކަމުން އަރައިގަތުމަށްޓަކައި ގައުމީ ދިފާއީ ބާރު އޮތީ ތައްޔާރަށް.” ޝަމާލް ވިދާޅުވިއެވެ
ނަޝީދަށް ދިން ހަމަލައާ ގުޅޭ މީޑިއާ ބްރީފިންއެއް މިއަދު މެންދުރު 2:30 ގައި ފުލުހުން ވެސް ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ނަޝީދަށް ދިން ހަމަލައާއި ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އެ ހަތަރު މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.