English Edition
Dhivehi Edition

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 4 މީހެއްގެ މައްޗަށް ޝައްކުކުރެވޭ ކަމަށާއި އަދި އެމީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 4 މީހެއްގެ ފަރާތުން ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަދަ ޢަމަލުތަކެއް ފެނި އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެހެންނަމަވެސް މިވަގުތު އެއީ ކޮންބައެއްކަން އަދި އެމީހުންނާމެދު ޝައްކުކުރެވެނީ ކީއްވެގެންކަން ވިދާޅުވެވެން ނެތްކަމަށެވެ. މިމީހުން ހޯދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެފަރާތްތަކާއި މެދު ޖިނާޢީ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ހިންގާފައިވާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްކަމަށް ހަމީދު ވިދާޅުވިއެވެ. މިހަމަލާގެ ތަހުޤީގަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭރުގެ އެކި ޤައުމުތަކުން އެދެމުން އަންނަކަމަށާއި އެގޮތުން މާދަމާ އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ފުލުހުންގެ ޓީމަކާއި ތަޖުރިބާކާރު 2 ބޭފުޅަކު ދިވެހި ފުލުހުންގެ ތަޙްޤީޤު ޓީމާ ގުޅިވަޑައިގަންނަވާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިވަގުތުވެސް ޔޫއެންއޯޑީސީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އިނގިރޭސިވިލާތުގެ ދެބޭފުޅުންގެ ފަންނީ އެހީތެރިކަން ލިބިވަޑައިގަންނަވާކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މިތަހުޤީގަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިލައްވާފައެވެ. ތަހުޤީގާއި ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކޮށްދެއްވުމަށާއި މަޢުލޫމާތުތަކާއި ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.