English Edition
Dhivehi Edition

ކޮވިޑް 19 ގެ ޙާލަތު ރާއްޖޭގައި އިންތިހާއަށް ބޮޑުވެ ބުރާސްފަތި ދުވަހު މިބަލީގައި 7 މީހަކު ނިޔާވެއްޖެއެވެ. މިއަދު ނިޔާވި މީހުންގެ ތެރޭގައި ފުރަތަމަ މީހަކީ ޢުމުރުން 77އަހަރު ގެ ދިވެހި އަންހެނެކެވެ. އެއީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އޭނާއަށް ފަހު މެންދުރު 12.30 ގައި ދިވެހި ފިރިހެނަކު ނިޔާވެފައިވެއެވެ. އެއީ ޢުމުރުން 83 އަހަރުގެ މީހެކެވެ. މިއަދު 3 ވަނައަށް ނިޔާވެފައިވަނީ އއ. ރަސްދޫއިން ނިޔާވި އިންޑިއާ މީހެކެވެ. މިއަދު ނިޔާވި 4 ވަނަ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޮވިޑް ބަލީގައި މިއަދު ނިޔާވި 5 ވަނަ މީހަކީ ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ގޮތުގައި އެތައް ސަތޭކަ ކޭސް ފެނިފައިވާ ނައިފަރު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ޢުމުރުން 97 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި 83 އަހަރުގެ ފިރިހެނަކުވެސް އެރަށުން ވަނީ ނިޔާވެފައެވެ.

މިރޭ ވެސް މިވަނީ ކޮވިޑް ގެ ބަލިމީހަކު ނިޔާވެފައެވެ. އައިޖީއެމްއެޗް ގެ އަވަސްފަރުވާއަށް ގެންދިޔަ އެމީހާ ކޮވިޑަށް ޕޮޒިޓިވް ކަން އެނގުނީ ނިޔާވި ފަހުން ހެދި ކޮވިޑް ޓެސްޓުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ޖުމްލަ 7 މީހަކު ކޮވިޑް ޖެހިގެން ނިޔާވެ ރާއްޖެއިން މިބަލީގައި މަރުވި މީހުންގެ އަދަދު 81އަށް އަރާފައިވެއެވެ. . އެޗްއީއޯސީން ވިދާޅުވީ އިއްޔެ ހެނދުނު 7.50 ގައި ޢުމުރުން 37 އަހަރުގެ ބަނގްލަދޭޝް މީހަކު ނިޔާވެފައިވާކަމަށެވެ. މިމީހާއަކީ ކ. މާފުށީގައި ބަލިޖެހިގެން އެކަހެރި ކޮށްފައިވާ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮވިޑް ގެ ވަބާ މުޅި ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އިރު މިބަލީގެ އެލާޓް ލެވެލް މިވަނީ އެންމެ ނުރައްކާތެރި ދަރަޖާގައެވެ. ލެވެލް 4 ގައި ކޮވިޑް ގެ އެލާޓް އޮތުމުން ބޭރުގެ ބައެއް ޤައުމުތަކުންދަނީ ރާއްޖެއައުމުގައި ސަމާލުވުމަށް ޓްރެވެލް އެޑްވައިޒަރީވެސް ނެރެމުންނެވެ. އެގޮތުން މިރޭ އިނގިރޭސި ވިލާތުގައިވެސް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުން ސަމާލުވުމަށް އަންގާ އެޑްވައިޒަރީ ނެރެފައެވެ.