English Edition
Dhivehi Edition
މިރޭ ކެބިނެޓާއިއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ ރައީސް އޮފީސް

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކެބިނެޓްގެ ވަޒީރުންނާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މިރޭ ނީލޯފަރުހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން، ބައެއް ޢާންމު ރައްޔިތުންނަށް މި ހާދިސާގައި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސް ޞާލިޙް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި ގިނަ ކަންތައްތަކެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މުލިއާގޭގައި ކުރިއަށްދިޔަ މި ކުއްލި ބައްދަލުކުރެއްވުމުގައި، އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަޙުޤީޤުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.