English Edition
Dhivehi Edition

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބު ގްރީން ސްޓްރީޓްސް 25000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކްލަބު ގްރީން ސްޓްރީޓް ޖޫރިމަނާކޮށްފައިވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ 53 ވަނަ މިނެޓުގައި ރެފްރީގެ ނިންމުމާމެދު ގްރީނުން ހިތްހަމަ ނުޖެހުން ފާޅުކޮށް މެޗު ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ މެޗު ނިންމާލަން ޖެހުނު މައްސަލައާ ގުޅިގެންނެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މިމައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ކޯޑުގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގްރީން، 25000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.އަދި މީގެ އިތުރުން އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން މެޗުގައި ކަންތައްތަކާއި ގްރީންސްޓްރީޓްގެ ކުޅުންތެރިންނާއި އެ ކްލަބުގެ ރައީސް އަހްމަދު ޝަޒީން ކުޅިވަރުގެ ރޫހާ ހިލާފުވާފަދަ ގޮތަކަށް އަމަލާއި ބަހުން ރެފްރީއަށް ނިސްބަތްކޮށް މެޗު ހުއްޓާފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.އަދި އިތުރަށް މިފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ އެފްއޭމްގެ ޑިސިޕްލިނަރާ ކޯޑުގައިވާ ގޮތުގެ މަތިން ކުލަބް އާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މާޒިޔާއާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ކުޅުން ހުއްޓާލާފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްގެ ސުބޮލް އިލިއާ ރެފްރީ ނިއުޝާދާ ނިސްބަތް ވާގޮތަށް ހުތުރު ބަހެއް ބުނި ކަމަށްބުނެ ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

އިލިއާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި ހާދިސާގެ އިތުރުން ދެވަނަ ހާފަށް އެހެން ރެފްރީއެއް އެރުމުން، އެކަމުގެ ޝަކުވާތައް ވެސް ގްރީނުން ހުށަހަޅަމުންދިޔައެވެ. ގްރީނުން ބުނަމުންދިޔައީ ދެވަނަ ހާފުގައި ރެފްރީ ބަދަލު ކޮށްފައިވަނީ އެއްވެސް ސަބަބަކާ ނުލައި ކަމަށެވެ. ކުޅުން މެދުކެނޑުމަކަށް ދިއުމަށްފަހު އަލުން ފެށުމަށް ރެފްރީ އިޝާރާތްކުރި ނަމަވެސް ރެފްރީ ނިއުޝާދާއެކު މެޗު ކުރިއަށްގެންދަން ބޭނުންނުވާކަން އެ ކްލަބުން ނިންމިއެވެ.