English Edition
Dhivehi Edition

2020 ގެ ތަސައްވަރު ގޮތުގައި ސްކޫލް ދައުރުގައި ލިޔެލަން ލިޔުނު މަޒްމޫނު ސުރުޚީ އެއް އަޅުގަނޑެކޭ އެއްފަދައިން އެސުރުހީ ހަނދާން ހުންނާނެ އެތައް ރައްޓެހިންނެއްވެސް ތިބޭނެކަން ޔަގީނެވެ. މިލީނިއަމް ނުވަތަ 2000 ވަނަ އަހަރު ފެށުން ފަހުންނެވެ. “2020ގެ ތަސައްވަރަކީ ކޮބާ؟“ ހެއްޔެވެ. ޖޯޝުގައި މަޒްމޫނު ލިޔުނު އެކަކު ތެރޭގައި އަޅުގަނޑުވެސް ވީމެވެ. ތަސައްވަރު ކުރެވުނު ގޮތެކެވެ. ދުނިޔެ ތަރައްޤީ ވަމުން ދިޔަ ވަރަށް ބަލައި ބޭރު ގައުމު ތަކުގެ ޕާކް ތަކުން ފެންނަމުން ދިޔަ ރޯލަރ ކޯސްޓަރ ތަކަށް ހުރި ޝައުގަކާ އެކު 2020ގެ ތަސަައްވަރު ލިޔެލީ އުނދުހޭ ކާރު ތަކެއް ތައާރަފް ވާނެކަމަށެވެ. އަދި އެކާރު ތަކުގައި އެއްތަނުން އަނެއްތަނަށް ކާރުގައި އުނދުހިލާނެކަމެވެ. 2020 ބައްދަލު ކޮށްފިއެވެ. 2020 އާއި އެކު ބިރުވެރިކަން އެންމެނަށް ގެނުވީ ތަސައްވަރު ކުރެވުނު ކާރެއް ނޫނެވެ. ލޮލަށް ނުފެންނަ ކުޑަ ވައިރަހެއް އެއްތަނުން އަނެއް ތަނަށް ފެތުރޭ ވާހަކައެވެ. މީހުންގެ ފުރާނައަށް ގެއްލުންވާ ވާހަކައެވެ.

ބިރުވެރިއެތައް ކަމަކުން ފުރިގެންވާ އެވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ގައި 31 ޑިސެމްބަރ 2019 ވަނަ އަހަރުއެވެ. ކޮވިޑް 19 ގެ ނަން ދެވުނު އެވައިރަސް އެކި ގައުމުތަކަށް ފެތުރި ދިވެހިރާއްޖެއިން ފުރަތަމަ ކޭސް ފެންމަތިވީ 15 އެޕްރިލް 2020ގައެވެ. ވައިރަސް ފެނުމާއެކު ސަރުކާރުން ހަރުކަށި ފިޔަވަޅެއް އެޅިއެވެ. ރައްޔިތުންގެ ރައްކާތެރިކަމަށެވެ. ވެރިކަން ކުރާ ރަށް ކަމުގައިވާ މާލެ 16 އެޕްރިލް އިން 14 ޖޫން އަށް ފުލް ލޮކްޑައުން އަކަށް ގެނެވުނެވެ. ޕަބްލިކް ހެލްތް އެމެޖެންސީ 30 ޖޫން އާއި ހިސާބަށް ދިގު ދަންމާލިއެވެ. އަދި ރާއްޖޭން ބޭރުން ފަތުރުވެރިން އައުން ހުއްޓުވާލިއެވެ. ކޭސް ތައް އިތުރުވަމުން ދިޔައެވެ. އާއެކެވެ! ސަރުކާރުން ރައްޔިތުންގެ ރައްކާތެރި ކަމަށް ފިޔަވަޅު އަޅައި ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލްތައްވެސް ބަންދު ކުރިއެވެ. މާލެ ލޮކްޑައުން އަކަށް ގެންދިޔުމުގެ އެންމެ މުހިންމު ކަމަކަށް ވީ ޖަޒީރާ ވަންތަ ދިވެހި ރާއްޖޭގައި އެކަން ހައްލު ކުރެވޭނެ ގޮތަކީ އެއީ ކަމަށް ދެކިގެންނެވެ. ރާއްޖެ ތެރޭގެ އެހެން ރަށްތަކަށް ފެތުރުނަ ނުދިނުމަށެވެ. ލޮކްޑައުން ފޭސް އަށް ބަލާލަމާ ހިނގާށެވެ. ހާއްސަ ހުއްދައަކާއި އެކު ގޭތެރޭގެ ޒަރޫރީ ސާމާނު ގަންނަން ބޭރަށް ނުކުމެވުނަސް އެވަރިރަސް ދެކެ ބިރުން ގޭގެ ކުޑަދޮރު ހުޅުވާ ނުލާ ތިބި އެތަށް ދިވެހިންނެއް އޭރު މާލޭގައި ތިއްބެވެ.

ލޮކްޑައުން ފޭސް ވެގެން ދިޔަކީ ދުނިޔޭގެ އެކި ހިސާބު ތަކުގެ މީހުންނަށްވެސް ނަފްސާނީ އެތައް މައްސަލައެއް ދިމާވި ކަމަކަށެވެ. ހަމަ އެހެން ދިވެހި ރާއްޖޭގެވެސް މިކަން ދިޔައީ އެހެންނެވެ. ފުލް ލޮކްޑައުން އުވާލައި ސަރުކާރުން ދެން ދޭން ފެށީ ލުއި ތަކެކެވެ. ލުޔަކަށް ފަހު ލުޔެެއް ދިން އިރު މިއުޅެނީ ދިވެހި ރާއްޖެއިން ކޮވިޑް 19 ފިލައި ގޮސްގެން ނޫނެވެ. ނަމަވެސް ފަރުދީ ޒިންމާތަކަކާއެކު ރައްކާތެރި ކަމުގެ އެތައް ފިޔަވަޅެއް އަޅަން އިލްތިމާސް ކޮށް ދިން ލުއި ތަކާއެކު އަނެއްކާ މާލެ އާއި އެކު އާބާދީ ބޮޑު އެތައް ރަށެއް މިވަނީ މޮނިޓަރިންނަށް ލެވިފައެވެ. ވައިރަސް ފެތުރި ބަލި ޖެހޭ މީހުން އިތުރު ވީއެވެ.

ބޮޑެތި މީހުން ކަމުން، ހާލަތަށް ފިޓް ވުމަކީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ވަރަށް އަސަރު ތަކެެއް އެބަ ކުރެއެވެ. ގޭބަންދުގައި ތިއްބާ ލިބުނު ލުޔާ އެކު ބޭރަށް ނުކުމެލެވޭ ގޮތް ވެއްޖެއެވެ. ޕާކަށް ގޮސް ރައްޓެހި ކުދިންނާއި ދިމާކޮށްލާ މަޖާ ކޮށްލެވޭ ގޮތް ވެއްޖެއެވެ. ސްކޫލަށް ދާހިތުން ތިއްބާ ސްކޫލް ތައް ހުޅުވިގެން ދިޔައެވެ. ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއި އެކުއެވެ. އެކުވެރިންނާއި ބައްދަލުވެ އޯގާތެރި ޓީޗަރުންނާއި ބައްދަލުވެ ކިޔަވަން ދާންފެށުނީތީ އެކުދިން މޫނުމަތިން ހިނިތުންވުން ފެނުނެވެ. ނަމަވެސް ހިތްހަމަޖެހިލައިން ޕާކަށް ގޮސްލައި ކިޔަވަންދާން ފެށުނު ހިސާބުން އަނެއްކާވެސް މިޖެހުނީ ގޭގައި މަޑުކުރާށެވެ. ޓީޗަރުންގެ ދައުރު ދަރިވަރުންނާއި ދުުރުގައި ތިއްބަސް ވަރަށް ފުރިހަމައެވެ. ވަަރޗުއަލް ކްލާސް ތައް ނަގައިދީ ހަދައެވެ.

“ނަމަވެސް އެކުދިން ބުނާތީ އަޑު އިވުނެވެ. ސްކޫލް ހުޅުވިފައި ކޮންމެ ފަހަރަކު ކިޔަވާ ހިތުން ފަށާއިރު ސްކޫލް ބަންދު އެބަ ވެއެވެ. މިހެން ވާތީ ކިޔަވަން ފޫހިވެސް އެބަވެއެވެ.” އެއްވެސް ދަރިއެއްގެ ފަރާތުން މިފަދަ ބަހެއް އިވުމަކީ މައިންބަފައިން ހިތް ފެޅޭނެ ފަދަ ކަމެކެވެ. އަދި ކުދިން ޑީމޯޓިވޭޓްވެ އަހަރު އެއްކޮށް ދިޔުން މީ ގިނަ ބެލެނިވެރިންގެވެސް ކަންބޮޑު ވުމެއް ކަން ޔަގީނެވެ. ދިރިއުޅުމުގެ ހާލަތު ހުރިހާ އާއިލާ އެއްގައި އެއްގޮތް ނުވާނެއެވެ. ގޭތެރޭގެ ހަމަނުޖެހުމުން ކުދިން އެހެން މާހައުލަކަށް ދެވޭ ހަމައެކަނި ތަނަކީ ސްކޫލަށް ވެފައިވާ ކުދިންވެސް މަދެއް ނުވާނެއެވެ. ގޭތެރޭގައި މައިންބަފައިންނާއެކު ކިޔެވޭނެ މާހައުލަކީ ކޮންމެ ކުއްޖަކަށް ލިބޭނެ މާހައުލެއްވެސް ނޫނެވެ. ކުދިންގެ އުންމީދު ތަކަށް އަލިމަގެއް ގެނެވޭނީ ބޮޑެތި މީހުންގެ ޒިންމާ ބޮޑެތި މީހުން ނަގައިންނެވެ. ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ރަމަޟާން މަހު ފަހު 10 އަކަށް އަޅާފައިވާއިރު މިޖެހިފައިވާ މުސީބާތުން ސަލާމަތް ވުމަށް ދުޢާ ކުރަމާ ހިނގާށެވެ. މިހާރަށް ވުރެ ބޮޑަށް އިސްވެރިންނާއި ފަރުދުން ރައްކާތެރި ވާން ހިނގާށެވެ.