ޕެސިފިކް ކަންޑުގެ ސަރަހައްދުގައި ހައިޑްރޮޖެން(ނިއުކްލިއާރ) ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފިއެވެ.
އުތުރު ކޮރެއާގެ ޙާރިޖީ ވަޒީރު ރީ ޔޮންގް ހޯ، ހުކުރު ދުވަހު ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެފައިވަނީ އެގައުމުން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި މިހާތަނަށް ޓެސްޓު ކޮއްފައި ނުވާ ވަރުގެ ހައިޑްރޮޖެން ބޮމެއް ގޮއްވާލުމުގެ ވިސްނުމެއް އެބަހުރި ކަމަށެވެ. ރީ މިހެން ވިދާޅުވެފައި ވަނީ ނިއު ޔޯކުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އެނާ ވިދާޅުވި ގޮތުގައި، ޙުދު އެނާއަށް ވެސް ކިމްގެ ސިނކުޑީގައި އޮތީ ކޮން އެއްޗެއް ކަން ނޭނގޭކަމަށެވެ.
އުތުރު ކޮރެއާއިން މިފަދަ އިންޒާރެއް ދީފައި މިވަނީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އުތުރު ކޮރެއާ ނައްތާލާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ޑޮނަލްޑް ޓްރަމްޕްގެ މި އިންޒާރާއެކު އުތުރު ކޮރެއާގެ ލީޑަރު ވަނީ ޑޮނަލްޑް ޓްރަމްޕް އަކީ “ސިކުންޑި ހަަމަނުޖެހޭ” މީހެއް ކަމަށް ބުނެ، އިންޒާރު ތަކަށް ރައްދު ދެއްވާނެ ކަމުގެ ވައުދުވެފައެވެ.
މިކަމާ ގުޅިގެން ދެކުނު ކޮރެއާއިން ބުނެފައިވަނީ މިއީ އުތުރު ކޮރެއާގެ ލީޑަރަކު މިވަރަށް ސީދާ ބަހުން އިންޒާރެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ. އުތުރު ކޮރެއާގެ މި އިންޒާރާ އެކު ދުނިޔޭގައި ހައިޑްރޮޖެން ބޮމެއްގެ އަސަރު ކުރި ހަމަ އެކަނި ގައުމު ކަމައްވާ ޖަޕާނުން ބުނެފައި ވަނީ މިއީ ބަލައިގަނެވޭ ފަދަ އިންޒާރެއް ނޫން ކަމުގައެވެ.
ޑޯނަލްޑް ޓްރަމްޕް އަންގާރަ ދުވަހު އ.ދ އާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ވިދާޅުވެފައި ވަނީ، އެމެރިކާ ނުވަތަ އެެމެރިކާއާއި އެއްބައިވާ ގައުމަކަށް އެއްވެސް ނުރައްކަލެއް ފޯރުވަން އުތުރު ކޮރެއާއިން މަސައްކަތް ކޮއްފި ނަމަ 26 މިލިއަން މީހުންގެ އާބާދީ އޮންނަ އެގައުމާއި ގައުމުގެ ލީޑަރު ނައްތާލާނެ ކަމުގައެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރަކީ ޖާނުން ފިދާވާން އުޅޭ “ރޮކެޓް މޭން” އެއް ކަމަށް ބުނެފައެވެ.
އުތުރު ކޮރެއާގެ ގައުމީ ޓީވީން ވަނީ ދާދި ފަހުން އެގައުމުން ކުރި ނިއުކްލިއާ ޓެސްޓު ތަކާ ގުޅިގެން ޗައިނާގެ ނޫސްތަކުން ހަބަރު ގެނެސް ދިން ގޮތާ މެދު ފާޑު ކިޔާފައެވެ. އަދި އެގައުމުގެ މައި ނޫހުން ވަނީ އެހެން ގައުމެއްގެ ދާޙިލީ މައްސަލައެއްގެ ތެރެއަށް ވަންނަން މަސައްކަތް ކޮއްފައި ކަމަށް ބުނެއެވެ. ޗައިނާ އަކީ އުތުރު ކޮރެއާގެ އަށް ސީދާ ވާގި ވެރި ވެދޭ ހަމަ އެކަނި ދުނިޔޭގެ ބޮޑު ބާރެވެ. އެހެން ކަމުން މިއިން ޗަައިނާ އާއި އުތުރު ކޮރެއާގެ ގުޅުމާ މެދު ސުވާލު އުފެދެއެވެ.