English Edition
Dhivehi Edition

އެކި ދުވަސް މަތިން އަނބިމީހާއަށް ގެވެށި އަނިޔާކޮށް މާރާމާރީ ހިންގި މީހަކު 21،600 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެޕްރިލް 29 ވަނަ ދުވަހު ހުކުމް ކޮށްފައިވާ ރ އަތޮޅަށް ނިސްބަތްވާ ފިރިހެން މީހާ އަކީ 28 ޖުލައި 2011 އިން ފެށިގެން 2012 ވަނަ އަހަރު އެޕްރިލް އާއި ހިސާބަށް އޭރު އިނދެގެން އުޅުނު އަނބިމީހާ އަށް އެކި ދުވަހުގެ މަތިން ގެވެށި އަނިޔާކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހެކެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި އަނބިމީހާއަށް އަނިޔާކޮށްފައި ވަނީ ދެމީހުން ކައިވެނިކޮށްގެން ހޭދަވި އަށް މަސް ދުވަހުގެ ތެރޭގައެވެ. ސަބަބަކަށްވީ އަނބިމީހާ ފިރިމީހާ އާއެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދެއްކުމަށް އަންހެން މީހާ އެދުމުން ކަމަށްވެއެވެ. އަނބިމީހާއަށް އަނިޔާ ކުރުމުގެ ގޮތުން ގައިގައި ތަޅާ، އިސްތަށިގަނޑުގައި ހިފައި، ކޮއްޕާ، ފައިން ޖެހުމުގެ އިތުރުން ބަނޑު މައްޗަށް އަރައި ކަރުގައި ހިފާފައިވާ ކަަމަށް ވެސް އަންހެން މީހާ ބުނެފައިވެ އެވެ. އޭނާ ބުނީ ފިރިމީހާގެ އަނިޔާގެ ސަބަބުން އައިޖީއެމްއެޗް އިން އެތައް ފަހަރަކު ފަރުވާ ހޯދާފައި ވާނެ ކަމަށެވެ.

އަންހެން މީހާއަށް އަނިޔާކުރާ މަންޒަރު ފެނުނު ބަޔަކު ވަނީ ޝަރީއަތުގައި ހެކިބަސް ދީފަ އެވެ. އަދި އަންހެން މީހާއަށް އަނިޔާކުރި ވަގުތު، އެގޮތަށް ކަންތައް ނުކުރުމަށް އެދި އޭނާ ރޯ އަޑު އިވުނު މީހަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ.ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ކަމަށް ފިރިހެން މީހާ ބުނި ނަމަވެސް، އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވެ އެވެ.އެހެންކަމުން، ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، ފިރިހެން މީހާގެ މައްޗަށް އުފުލި މާރާމާރީގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ދެވޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ގާނޫނުލްއުގޫބާތުގައި މި ކުށަށް ކަނޑައަޅާފައި އޮންނަ އަދަބަކީ، 200 ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަ މަސް ދުވަހަށް އަރުވާލުން، ހަ މަސް ދުވަހަށް ޖަލަށް ލުން ނުވަތަ ހަ މަސް ދުވަހަށް ގޭ ބަންދު ކުރުމެވެ.

ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން އެދުނީ ޖަލު ހުކުމަކަށް ކަމަށެވެ. ނަމަވެސް ޖަލު ހުކުމާ އެއްވަރުގެ އެހެން އަދަބެއް ކުށްވެރިޔާއަށް ދިނުމަކީ ހަމައެކަނި ކޯޓަށް ލިބިގެންވާ ބާރެއްކަން ޕީ.ޖީ އޮފީހުން ފާހަގަކުރިއެވެ.

މި މައްސަލާގައި ކުށް ސާބިތުވި މީހާއަށް ލިބޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެފައި، އޭނާ އަކީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރީ ޖޫރިމަނާ ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ ކަމަށް ވެއެވެ. ޖަލު ހުކުމްގެ މުއްދަތު ޖޫރިމަނާއަށް ބަދަލުކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭނީ 21،600 ރުފިޔާ އިން ޖޫރިމަނާކުރުން ކަމަށް ހުކުމްގައި ވެއެވެ.