މާލޭގައި މިރޭ މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހިމެނޭ ދެ މީހުންނަށް ވެސް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގައި ރަހީނުކޮށްފައި ހުރި އަންހެން މީހާއަށް އެ ގޭގެ ތެރޭގައިވެސް އަނިޔާ ކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރަން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދިން ކަމަށެވެ.
އަދި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަކަށް އަރުވައިގެން ފިލަން އުޅުމުގެ ތެރޭ ފުލުހުން ވަނީ ވަކި ހިސާބަކުން މަގު ބަންދުކޮށް އޭނާ ހުއްޓުވައިފަ އެވެ.
ސައިކަލު މަޑުކޮށްލިވަގުތު ފަހަތުން އެ ފިރިހެން މީހާގެ ބޮލުގައި މުގުރަކުން ޖަހައި އޭނާ ވައްޓާލި މަންޒަރު ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ. އަދި އެ ވަގުތު ވަށައިގެން ތިބި ފުލުހުންނާއި އާންމުން ވެގެން އަންހެން މީހާ އޭނާގެ ކިބައިން ސަލާމަތް ކޮށްފައިވެއެވެ.
ފުލުހުން ބުނީ އެކަމުގެ ތެރޭގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފިރިހެން މީހާ އަށް އަނިޔާވެފައިވާ ކަމަށާއި އޭޑީކޭގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އަންހެން މީހާ އަށް ވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ފުރުހުން ބުނީ އަންހެން މީހާގެ ހާލު ރަނގަޅު ރަނގަޅު ކަމަށާއި އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތުގެ ތެރޭގައި އަންހެން މީހާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށްޓަކައި ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.