English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ ބަނދަރުގެ މަސައްކަތްކުރާ ހެވީ ފޯސްގެ މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނު ބެހެއްޓިފައިވާ ސައިޓަށް މިރޭ އިރާކޮޅު ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

އޭ.އޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމަލު ހިންގާފައިވަނީ މިރޭގެ ތަރާވީސް ނަމާދުގެ ގަޑީގައެވެ. ސައިޓްގެ ވަށައިގެން ޖަހާފައިވާ ފެންސު އެއްކޮށް ކަހަލަ ގޮތަކަށް ހަލާކު ކޮށްލާފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މިޢަމަލު ކުށްވެރިކޮށް މަޑަވެލި ދާއިރާގެ މަޖްލިސް މެމްބަރު ހުސައިން ފިރުޝާން ވަނީ ނުރުހުން ފާޅުކޮށް ފޭސްބުކް ޕޯސްޓެއް ކޮށްފައެވެ.

ފިރުޝާން ގެ ޕޯސްޓްގައި “މިއީ ވަރަށް ދެރަ އަދި އެހާމެ ދަށު ދަރަޖައިގެ އަމަލެއް. ހޯނޑެއްދޫ ބަނދަރު ހަދަން ގޮސް ތިބި މީހުންގެ ސައިޓަށް ގެއްލުން ދީގެން ވާނެ މޮޅެއް ނެތް. އަދި ނުކުންނާނެ ރަނގަޅު ނަތީޖާއެއްވެސް ނެތް. މިކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން. މިފަދަ ނާތަހުޒީބު އަމަލުތަކުން ދުރުހެލިވެ ތިބުމަށް ގޮވާލަން. އަދި ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށްވެސް ގޮވާލަން. އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވާށި” އެ ބޭފުޅާގެ ޝުޢޫރު ހިއްސާ ކުރެއްވިއެވެ. މިކަމާއި ގުޅިގެން ހެވީ ފޯސްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުމުން އެކުންފުނީގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.

މީގެ އިތުރުން ދެމަހެއްހާ ދުވަސް ކުރިން ހޯނޑެއްދޫ އާއި ކޯޒްވޭ އަކުން ގުޅާލެވިފައި އޮންނަ މަޑަވެލީ ނަރުދަމާގެ މަސައްކަތުގައި ބޭނުންކުރަމުން ދިޔަ އެކްސްކަވޭޓަރ އަކަށްވެސް އެކިވަރުގެ ގެއްލުން ދީފައިވެއެވެ.

1 ކޮމެންޓް
ޓީ
މެއި 4, 2021
މި ފަދަ ނާތަހުޒީބު އަމަލުކުރާ ފަރާތްތަށް ކުއްވެރިކޮއްފިން. އަދި ޖަލަށްވެސް ލައިފިން. ދެންތިބޭ ޖަލުގައި. މިއީ ފަހެ އަޅުގަނޑަށް އޮތް ހައްގެއްތޯ! މިބަސް މިހެން ބުނެވިދާނެތޯ