English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ފޮނި ކާތަކެތި މީރު ބޭފުޅުންނަށް މީރު ވާނެ ފޮނި އެއްޗެއް ހަދާލާނެ ގޮތެވެ. ރޯދަ ވީއްލާގަޑިއަށާއި ތަރާވީސް ކޮށްލާ ގަޑީގައި ކާލަން މީރުވާނެ ބަނާނާ އެންޑް ޗޮކްލެޓް ޗިޕްސް މަފިން އެއް ހަދާލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

3 ދޮންކެޔޮ (ވަރަށް ބޮޑަށް ދޮންވެފައި)

1 ބިސް

1/2 1 ޖޯޑު ގޮދަން ފުއް

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ސައިސަމުސާ ބޭކިންގް ސޮޑާ

1/2 ސައިސަމުސާ ލޮނު

3/4 ޖޯޑު ހަކުރު

1/3 ޖޯޑު ކުކިންގް އޮއިލް

1/3 ޖޯޑު ޗޮކްލެޓް ޗިޕްސް

މަފިން ކަޕްސް

މަފިން ޓްރޭ

 

ތައްޔާރު ކުރާނެ ގޮތް:

ބޯތައްޓަކަށް ދޮންވެފައިވާ ދޮންކެޔޮތައް އެޅުމަށް ފަހު އަތުން ފިއްތާލައި ރަނގަޅަށް ޗިސް ކޮށްލާށެވެ. އެއަށް ފަހު ހަކުރު ކޮޅު އަދި ބިސް އަޅާށެވެ. ދެން ތެޔޮ ފޮދު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ވަކިން ބޯތައްޓަކަށް ފުއްކޮޅު ބޭކިންގ ޕައުޑަރ، ބޭކިންގ ސޮޑާ އަދި ލޮނު ކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ދޮންކެޔޮ ޗިސްކޮށްފައި ހުރި ތައްޓަށް ފުއްކޮޅު އަޅައި ހުރިހާ ބާވަތެއް ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާ ބާވަތެއް ރަނގަޅަށް އެއްވުމުން ޗޮކްލެޓް ޗިޕްސްކޮޅު އަޅާލައިފައި އެއްކޮށްލާށެވެ.

މަފިން ޓްރޭއެއް ނެގުމަށް ފަހު މަފިން ކަޕްސް ޓްރޭގައި އަތުރާލާށެވެ. އަދި އެއްކޮށްފައި ހުރި މަފިން މިކްސް ފަހަރަކު މަފިން ކަޕް އަކަށް އަޅަމުން ދާށެވެ. ކަޕްގެ މެދަަށް ވުރެ ކުޑަކޮށް މައްޗަށް މަފިން މިކްސް އަޅާށެވެ. އަދި އަވަން 160 ޑިގްރީގައި ހޫނު ކޮށްލުމަށްފަހު 25 މިނެޓަށް އަވަނަށް މަފިން ތައް ލާފައި ފިހެލާށެވެ.