English Edition
Dhivehi Edition

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހި ޙާލުބޮޑުވިމީހަކު ނިޔާވެއްޖެއެވެ. މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ ޢުމުރުން 39 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. މިމީހާއާއެކު ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު 74 އަށް އަރައިފިއެވެ.

މިބަލިޖެހިގެން މިހާރުވެސް ދަނީ 161 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 5،000 އާ ކައިރިވެފަ އެވެ.

އެޗްޕީއޭގެ ތަފާތު ހިސާބުތައް ދައްކާގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް 3،0305 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 402 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ ރާއްޖޭގައި އެއްދުވަހެއްގެ ތެރޭ މިބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ދުވަހެވެ. މިހާރަކަށް އައިސް އަލަށް ޕޮޒިޓިވް ވާ ކޭސް ތަކުގެ ޢަދަދު 300 އަށް ވުރެ މަތީގައި ކޮންމެ ދުވަހަކުވެސް އޮތްއިރު މާލެއެކޭ އެއްފަދައިން ރާއްޖޭގެ ރަށްތަކުގައިވެސް މިބަލިދަނީ ހަލުވިކޮށް ފެތުރެމުންނެވެ. މިއަދު އައްޑޫގެ ގުޅިފައިވާ އަވަށްތަކުންވެސް ޕޮޒިޓިވް ކޭސް އެއް ފެނުމާ ގުޅިގެން އައްޑޫސިޓީވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.