ފްރެންޗް ލީގުގައި މިރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާގެ މޮޅުކުޅުމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން 2-1 އިން ލެންސް ބަލިކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 35 މެޗުން 75 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ލިއްލޭ އަށް ނީސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އަލުން އެއްވަނަ އަށް އެރޭނެއެވެ. ތިންވަނައިގައި އޮތް މޮނާކޯ އަށް 34 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު އޮލިމްޕިކް ލިޔޯން އޮތީ 67 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ޕީއެސްޖީގެ ޕާކް ޑެ ޕްރިންސަސްގައި މިރޭ ކުޅުނު މެޗަށް އެ ޓީމު ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، މިރޭގެ މެޗުގައި ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަނިޔާގެ ސަބަބުން ނުކުޅޭއިރު އެންހެލް ޑި މާރިއާ އާއި މާކޯ ވެރާޓީ ވެސް މެޗު ފެށީ ބެންޗުންނެވެ.
ޕީއެސްޖީން މިރޭގެ މެޗުގައި ޖެހި ފުރަތަމަ ލަނޑު، 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު ހޫލިއަން ޑްރެކްސްލާ ދިން ބޯޅައަކުން ނޭމާ ކާމިޔާބުކުރި ގޯލެކެވެ. މި ހާފު ނިމުމުގެ ކުރީން، ލެންސްގެ ކަލިމުއެންޑޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ކޭލޯ ނަވާސް މަތަކުރިއިރު ކްލައުސް ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި ޕީއެސްޖީގެ ކެޕްޓަން މާކީނޯސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ނޭމާ ނަގައިދިން ކޯނަރަކުން މާކީނޯސް ކާމިޔާބުކުރި ގޯލެކެވެ. ޕީއެސްޖީން ދެވަނަ ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ލެންސްގެ އިގްނާޝިއަސް ގަނަގޯ ވަނީ ފަރަގު ކުޑަކޮށްދީފައެވެ.
އޭގެފަހުން ޕީއެސްޖީގެ ލީޑް ފުޅާކުރުމަށް ނޭމާ އަށް ލިބުނު ފުރުޞަތެއްގައި ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ލެންސްގެ ގޯލްކީޕަރު ވުލްކާ ފަރިނޭޒް މަތަކުރިއެވެ. އަދި މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ ފޯވާޑް މައުރޯ އިކާޑީ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ވެރާޓީ އޮފްސައިޑް މަގާމެއްގައި ހުރިކަމަށް ނިންމައި އެ ލަނޑު ގަބޫލުނުކޮށްފައެވެ.
ޕީއެސްޖީ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ސެމީގެ ދެވަނަ ލެގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި އެ ޓީމަށް ދެން އޮތީ އަންނަ ހޯމަ ދުވަހު ރެނޭސްގެ ދަނޑުގައި ކުޅޭ މެޗެވެ.