English Edition
Dhivehi Edition

ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ހޯދުމަކީ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެކެވެ. އެކަމަށްޓަކައި އެއްބަޔަކު ފުރާނައަށް ނުރައްކާ ވާފަދަ ކަންތައްތައް ވެސް ކޮށްއުޅެއެވެ. އަނެއް ބަޔަކަށް ޤުދުރަތީ ގޮތުން ލިބިފައިވާ ހުނަރަކުން ނުވަތަ ސިފައެއްގެ ސަބަބުން ވެސް އެ ފަޙުރު ލިބިގަނެވެ.

ފެޝަނުގެ ދުނިޔެއަށް ބަލާއިރު ރިކޯޑް ފޮތުން ގިނަ ބަޔަކަށް އެދާއިރާއިން ޖާގަ ހޯދިފައިވެއެވެ. މިގޮތުން ޤުދުރަތީ ގޮތުން ލިބިފައި ހުންނަ ކަންކަމުގެ ސަބަބުން ވެސް ރިކޯޑް ފޮތުން ޖާގަ ލިބި މަޝްހޫރު ވެގެން ދެއެވެ. އެއްބަޔަކު ދުނިޔެއަށް އަންނަ އިރުވެސް މިދެންނެވިފަދަ ނިޢުމަތްތައް ލިބިފައިވާއިރު، އެފަދަ ކަންކަމަށް އެދިގެން ތިބޭ މީހުންވެސް މަދެއް ނޫނެވެ.

ދުނިޔޭގައި މިވަގުތު ތިބި މީހުންގެ ތެރެއިން އެންމެ ދިގު އެސްފިޔައެއް ލިބިފައިވަނީ ކާކަށްތޯ އަހާލުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް ރިކޯޑް ފޮތް ބަލާލުމުން އަދިވެސް އެފަހުރު އޮންނަނީ ޗައިނާގެ ޝެންހާއީއަށް އުފަން އުމުރުން 50 އަހަރުގެ ޖިއަންޒިއަން އަތުގައިކަން އެނގިގެން ދެއެވެ. އޭނާއަށް މިފަޙުރުވެރި އެވޯޑް ދިން އިރު މަތީ އެސްފިޔައިގެ ދިގުމިނުގައި 4.88 އިންޗި ނުވަތަ 12.4 ސެންޓްމީޓްރަ ހުއްޓެވެ.

ޖިއަންޒިއަން ބުނެފައިވާ ގޮތުގައި އޭނާގެ އެސްފިޔަ ދިގުވަމުންދާކަން އެނގުނީ 2013 ވަނަ އަހަރުގައިއެވެ. އަދި ފުރަތަމަކޮޅު އެސްފިޔަ ދިގުވާތީ ލަދުވެސް ގަތްކަމަށާއި، ނަމަވެސް އެއީ ޤުދުރަތީ ގޮތުން އޭނާއަށް ލިބުނު ކަމެއްކަމަށް ދެކެން ފެށިކަމަށެވެ. މިހާރު ދިގު އެސްފިޔައެއް ލިބުމުން އުފާވާކަމަށާއި، އެއީ އޭނާއަށް ލިބުނު އާދަޔާ ހިލާފް ނިޢުމަތެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

ދުނިޔޭގެ އެންމެ ދިގު އެސްފިޔަ ހުރި މީހާގެ ރިކޯޑްސް ޖިއަންޒިއަން އަށް ލިބިފައިވަނީ 2016 ޖޫން 28 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް 2018 ވަނަ އަހަރުގައި ނެރުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ރިކޯޑް ފޮތުގެ އާ އެޑިޝަނަށް ވެސް ޖިއަންޒިއަން ގެ ނަން މިހާރު ވަނީ ހުށަހެޅިފައެވެ. ސަބަބަކީ އޭނާ އަށް ވުރެ ދިގު އެސްފިޔައެއް ހުރި މީހަކު އަދި މިހާތަނަށް ރިކޯޑް ކުރެވިފައި ނުވާތީއެވެ.