ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ގްރަނާޑާ އަތުން 2-1 އިން ބަލިވެ ބާސެލޯނާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މިއީ ލީގުގައި ގްރަނާޑާއާ ދެކޮޅަށް ބާސެލޯނާ އެންމެ ފަހުން ކުޅުނު 20 މެޗުގެ ތެރެއިން ބަލިވި ތިންވަނަ ފަހަރެވެ. މީގެކުރީން ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި 24 މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާ އިންނެވެ. މީގެއިތުރުން، މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 23 މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗު ވެސްމެއެވެ. ތިން މެޗުން އެއްވަރުވިއިރު 18 މެޗުން ވަނީ މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު ލީގުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުޞަތު ބާސެލޯނާ އިން ނަގާލުމުން އެ ޓީމު އޮތީ ތިންވަނައިގައެވެ. ބާސެލޯނާގެ އިތުރުން ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 33 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު އެންމެ ކުރީގައި އުޅޭ އެތުލެޓިކޯ މެޑްރިޑަށް 33 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ރެއާލް ދެވަނައިގައި އޮތީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ހަތަރުވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.
ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗުގައި ބާސެލޯނާ އިން ލީޑްނެގީ 24 ވަނަ މިނެޓުގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، ބާސެލޯނާ އަށް ލީޑްނަގައިދޭން ގްރީޒްމަން އަށް ލިބުނު ފުރުޞަތުގައި ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ބޯޅަ ގްރަނާޑާގެ ގޯލްކީޕަރު އެސްކަންޑެލް މަތަކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، ބާސެލޯނާގެ ލީޑް ފުޅާކުރުމަށް މެސީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް އެސްކަންޑެލް އެވެ.
ބާސެލޯނާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ގްރަނާޑާ އިން ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ވެނެޒުއެލާގެ ފޯވާޑް ޑާވިން މާޗިސް ވަނީ އެއްވަރުކޮށްދީފައެވެ. ގްރަނާޑާ އިން އެއްވަރުކުރިތާ މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ހިތްހަމަނުޖެހިގެން ބުނި އެއްޗެއްގެ ސަބަބުން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާފައެވެ.
ގްރަނާޑާ އިން މެޗުގެ ނަތީޖާ އަނބުރާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޯޖް މޮލީނާ ވައްދާލި ގޯލުންނެވެ. މިއީ މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް އެޑްރިއަން ގޯމޭޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މޮލީނާ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ބާސެލޯނާ އަށް ދެން އޮތީ އަންނަ މެއި މަހުގެ 3 ވާ ހޯމަ ދުވަހު ރަށުން ބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެފަހުން، ލީގު ރޭހުގެ އެންމެ މުހިއްމު މެޗުގައި ޖެހިގެން އަންނަ މެއި މަހުގެ 8 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.