ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އިޓަލީގެ އޭއެސް ރޯމާ އަތުން އަމިއްލަ ދަނޑުގައި 6-2ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލިއިރު ސެމީގެ ދެވަނަ މެޗުގައި ސްޕެއިނުގެ ވިޔަރެއާލްގެ ދަނޑުގައި އާސެނަލް 2-1 އިން ބަލިވެއްޖެއެވެ.
އަންނަ ހަފްތާގައި ކުޅެވޭ މި މުބާރާތުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި ރޯމާ އަތުން ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް ޔުނައިޓެޑް ނުކަޓާނެއެވެ. އަދި އާސެނަލްގެ ދަނޑުގައި 1-0 ގެ ތަފާތަކުން ވިޔަރެއާލް ބަލިކޮށްގެން އެ ޓީމަށް ވެސް ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. ޔުނައިޓެޑުން ލީޑްނެގިތާ ހަ މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ރޯމާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޮރެންޒޯ ޕެލެގްރިނީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ޕެލެގްރިނީ ދިން ބޯޅައަކުން ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ފޯވާޑް އެޑިން ޖެކޯ ވަނީ ރޯމާ އަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އޭގެކުރީން، ރޯމާގެ އިތުބާރު މިޑްފީލްޑަރު ޖޯޑަން ވެރެޓޫޓް އާއި ގޯލްކީޕަރު ޕައު ލޮޕޭޒް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރީން އެ ޓީމުގެ ލިއޮނާޑޯ ސްޕިނަޒޯލާ އަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކުރަންޖެހިފައެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ އެވެ. މިއީ ފެނާންޑޭސް ދިން ބޯޅައަކުން ކަވާނީ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ކަވާނީ ވަނީ އިތުރު ގޯލެއްޖަހައި ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.
ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު، މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފެނާންޑޭސް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ކަވާނީ އަށް ރޯމާގެ ޑިފެންޑަރު ކްރިސް ސްމޯލިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ހަތަރު މިނެޓުފަހުން، ފެނާންޑޭސް ދިން ބޯޅައަކުން ޔުނައިޓެޑްގެ ފަސްވަނަ ލަނޑު، ޕޮގްބާ ޖަހައިދިންއިރު މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑްގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.
މި މުބާރާތުގެ ސެމީގައި ރޭ ކުޅުނު އަނެއް މެޗުގައި އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވިޔަރެއާލުން ވަނީ އޭނާގެ ކުރީގެ ޓީމު ކޮޅަށް ފުރަތަމަ ހާފުގެ 30 މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ވިޔަރެއާލުން ލީޑްނެގީ މަނޫ ޓްރިގޭރޯސް އެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޑެނީ ޕަރޭހޯ ނަގައިދިން ކޯނަރަކުން ޖެރަޑް މޮރޭނޯ ބޮލުން ޖައްސާލި ބޯޅަ ހުހަށްހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމުގެ ކެޕްޓަން ރައުލް އަލްބިއޯލް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ
އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ވިޔަރެއާލްގެ ކަނާތް ފަޅިން ފަހަތަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހުއާން ފޮއިތު ކުރިއަށްޖެހިގެން އާސެނަލްގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއް މޮރޭނޯ އަށް ލިބުމުން ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ދެވަނަ ރީނދޫ ކާޑާއެކު އާސެނަލްގެ ސްޕެއިން މިޑްފީލްޑަރު ޑެނީ ސެބަޔޯސް އަށް ރަތެއް ދެއްކުމުން އެ ޓީމަށް އިތުރު މައްސަލަތައް ކުރިމަތިވެފައިވާއިރު އޭގެފަހުން ވިޔަރެއާލަށް ނަތީޖާ 3-0 އަށް ބަދަލުކޮށްލަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ވިޔަރެއާލްގެ އަވަސް ކައުންޓާއެއްގައި ކުރީން އާސެނަލަށް ކުޅުނު ފްރާންސިސް ކޮކްލިން ދިން ބޯޅައަކުން މޮރޭނޯ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.
އާސެނަލަށް ކިރިޔާވެސް ހަމަޖެހިލުމުގެ ނޭވާއެއް ލެވުނީ މެޗު ނިމެން 18 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އައިވަރީ ކޯސްޓްގެ ވިންގާ ނިކޮލަސް ޕެޕޭ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އާސެނަލްގެ ބުކާޔޯ ސާކާ އަށް ވިޔަރެއާލްގެ ޓްރިގޭރޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ވިޔަރެއާލުން ލީޑް އިތުރަށް ފުޅާކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އެޓިއެން ކަޕޫ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. މިއާއެކު ދެ ޓީމުން ވެސް މެޗުގެ ފަހު ބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށް ކުޅެން ނިކުތް އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެދުތެރެއިން ތޯމަސް ޕާޓޭ ދިން ޕާހަކުން ޕެނަލްޓީއޭރިޔާތެރެއިން އޮބާމަޔަން ފޮނުވާލި ބޯޅަ ވިޔަރެއާލްގެ ކީޕަރު ޖެރޮނިމޯ ރުއްލީ މަތަކުރިއެވެ.