English Edition
Dhivehi Edition

މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަމްފީޒް ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންޢަބްދުލްޤައްޔޫމް ގޭބަންދަށް ބަދަލުކޮށްފިއެވެ. އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ ދާދި ދެންމެއެވެ.

ކަރެކްޝަނަލް ސާވިސް އިން މިރޭ 7:33 ގައި ކޮށްފައިވާ ޓުވީޓެއްގައި ބުނީ

“ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުން ދާތީ، އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފަ” ކަމަށެވެ.

ނަމަވެސް އެ މަނިކުފާނު ގެ އަށް ބަދަލުކުރީ ކިހާ ދުވަހަކަށް ކަމެއް އަދި މިކަމުގެ ފަހަތުގައި ކަނޑައަޅާފައިވާ ޝަރުތުތަކެއް ކަރެކްޝަނަލް ސާވިސްއަކުން ހާމައެއް ނުކުރެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ޔާމީންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ޔާމީން، ގޭބަންދަށް މި ބަދަލުކުރީ، އެ ކަމަށް އެދި އެ މަނިކުފާނުގެ އާއިލާ އާއި ޕީޕީއެމްގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދޭތާ އެތައް ދުވަހެއް ފަހުންނެވެ. މި މަހުގެ 12ވަނަ ދުވަހު ރައީސް ބޭއްވެވި މީޑިއާ ބްރީފިންގައި، ރައީސް ޔާމީން މި ރޯދަމަހު ގެ އަށް ބަދަލުކުރާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ވިދާޅުވީ، ޔާމީނަށް “ދެރަގޮތެއް” ނުވާނެ ކަމަށެވެ. ރައީސް އެ ދުވަހު ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްބޭފުޅުން ވެސް ކުރީ ހަފުތާގައި އެ މަނިކުފާނާ ބައްދަލުކުރައްވައި ޔާމީނަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިމިވާ ދަނޑިވަޅަކީ އެމަނިކްފާނުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ތުހުމަތުތައް ވެސް ކުރެވިފައިވާ ދަނޑިވަޅެކެވެ. އަދި ބައެއް މައްސަލަތައް މިހާރުވެސް ކޯޓް މަރުހަލާގައި އޮތުމުގެ އިތުރުން ބައެއް މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.