ރުޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ފަހަތުން އަރައި 2-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
އިނގިރޭސި ލީގު ކަޕް ފައިނަލްގައި މިދިޔަ އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެން ރޭގެ މެޗަށް ސިޓީ ނިކުތްއިރު ޕީއެސްޖީން މި މެޗަށް ނިކުތީ ވެސް ބަދަލުތަކަކާ އެކު އެވެ. އެގޮތުން، ރޭގެ މެޗަށް ނިކުތްއިރު ޕީއެސްޖީ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއަށްފަހު އެ ޓީމުގެ ކެޕްޓަން މާކީނޯސް ކުޅުމަށް އެނބުރިއައުމެވެ.
ޕީއެސްޖީގެ ޕާކް ޑެ ޕްރިންސަސްގައި ރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. އާޖެންޓީނާގެ ހުނަރުވެރި ވިންގާ އެންހެލް ޑި މާރިއާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މި ލަނޑުޖަހައިދިނީ މާކީނޯސް އެވެ.
އޭގެފަހުން ސިޓީ އަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރަތަމަ ފުރުޞަތުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް މަތަކުރިއިރު ޕީއެސްޖީގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުގައި ލެއަންޑްރޮ ޕަރެޑޭސް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާ އެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ސިޓީގެ ސިލްވާ ހުސްކޮށްލާފައި އެ ޓީމުގެ އުއްމީދީ މިޑްފީލްޑަރު ފިލް ފޯޑެން އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ނަވާސް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ސިޓީގެ ޑިފެންސްލައިން ކައިރިން ދެމިގަތުމަށްފަހު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ މާކޯ ވެރާޓީގެ ފަޔަށް ލައްވާލާ ގޮތެއްނުވިއެވެ. އޭގެފަހުން، ޕެނަލްޓީއޭރިޔާތެރެއިން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އޯވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
ސިޓީން ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނެޓުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް އޮލެގްޒެންޑަ ޒިންޗެންކޯ ދިން ބޯޅައަކުން ޑިބްރޭނާ ކާމިޔާބުކުރި ގޯލުންނެވެ. ޕެނަލްޓީއޭރިއާބޭރުން ޑިބްރޭނާ ހުރަސްކުރަން އޭރިއާތެރެއަށް ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އެ ބޯޅަ ފޮނުވާލިއިރު ޕީއެސްޖީގެ ކީޕަރު ނަވާސް ހުރީ ހަރަކާތްކުރަން ވެސް ނޭނގިފައެވެ.
ރޭގެ މެޗުގައި ސިޓީން ފުރަތަމަ ފަހަރަށް ލީޑްނެގީ އެ ޓީމުން އެއްވަރުކުރިތާ ހަތް މިނެޓުފަހުން ލިބުނު ހިލޭޖެހުމަކުންނެވެ. ޕެނަލްޓީއޭރިޔާބޭރުން ސިޓީގެ ފޯޑެން އަށް ޕީއެސްޖީގެ ޕަރެޑޭސް ކުރި ފައުލަކަށް ރެފްރީ ދިން މި ހިލޭޖެހުން ފޮނުވާލި އަލްޖީރިއާގެ އިތުބާރު ވިންގާ ރިޔާދް މާރޭޒް އެވެ. މާރޭޒް ފޮނުވާލި މި ހިލޭޖެހުން ގޯލަށް ވަނީ ޕީއެސްޖީގެ ދިފާއީ ފާރުގެ ތެރެއިންނެވެ.
ޕީއެސްޖީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ސެނެގޯލް މިޑްފީލްޑަރު އިދްރީސާ ގާނާ ގޭ އަށް ރެފްރީ ސީދާ ރަތެއް ދެއްކުމުންނެވެ. ގާނާ އަށް ރަތް ކާޑް ދެއްކީ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.