English Edition
Dhivehi Edition

 

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާދެމުންދިޔަ އިންޑިއާ މީހަކު ނިޔާވެއްޖެއެވެ. މިއީ މިއަދު މިބަލީގައި ރާއްޖޭއިން ނިޔާވި 2 ވަނަ މީހާއެވެ. މިމީހާ އާއިއެކު ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.

އެޗްއީއޯސީން ވިދާޅުވީ މިއަދު ނިޔާވި ޢަބްދުލްމަލިކް ގުރޭޝީއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ ޢުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއްކަމަށެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި 8 ބިދޭސީންނެވެ. އެއީ މިރޭ މަރުވި އިންޑިއާ މީހާގެ އިތުރުން ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 85 އަހަރުގެ މީހަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ. އޭނާއަކީ ވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވިތާ މިއަދު މިވަނީ އެއް އަހަރު ފުރިފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ކޮވިޑް ޖެހިގެން ފުރަތަމަ ރާއްޖެއިން ނިޔާވީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑްގެ ޙާލަތު އަނެއްކާވެސް ވަނީ ގޯސްވާން ފަށާފައެވެ. އެގޮތުން އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށްބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 464 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 4،396 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގަ އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވަނީ 122 އަށް އިތުރުވެފައެވެ.