English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީގެ ކުޅުންތެރިންނަށް ދެވޭ އެންމެ ޝަރަފުވެރި ހޯލް އޮފް ފޭމް އެވޯޑް އެލަން ޝިއެރާ އާއި ތިއެރީ އޮންރީ ހާސިލްކޮށްފިއެވެ.

މި އަހަރު މުޅީން އަލަށް ތައާރަފްކުރެވުނު މި އެވޯޑްގެ ފުރަތަމަ ހައްގުވެރީންގެ ގޮތުގައި މި ދެ ކުޅުންތެރިން ކަނޑައެޅިގެންދިއުމުން އެ ދެ ކުޅުންތެރިންވެސް ވަނީ މިއީ ވަރަށް ހާއްސަ އުފަލެއް ލިބިގެންދިޔަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

“ޕްރިމިއާ ލީގުގެ ތާރީޚުގައި މިހާތަނަށް ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ ފެނިގެންގޮސްފައި. އެހެންކަމުން ހޯލް އޮފް ފޭމް އެވޯޑް އެންމެ ފުރަތަމަ ދެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނުމަކީ ލިބުނު ބޮޑު ޝަރަފެއް،” ޝިއެރާ ބުންޏެވެ.

ޝިއެރާ އަކީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ކުޅުންތެރިޔާ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގައި ތަފާތު މޮޅު ކުޅުމެއްދައްކައި އިދިކޮޅު ޓީމުތަކުގެ ޑިފެންސްލައިނުން ޖެހިލުންވާފަދަ ފޯވާޑުންގެ ތެރޭގައި ހިމެނުނު ޝިއެރާ ވަނީ ލީގުގައި 260 ލަނޑުޖަހާފައެވެ.

އެލަން ޝިއެރާ (ވ) އާއި ތިއެރީ އޮންރީ. –ފޮޓޯ: ގެޓީ އިމޭޖަސް

ޝިއެރާ ބުނީ މި އެވޯޑް ލިބުމުން ހުރިހާ ޝުކުރެއް ހައްޤުވަނީ އޭނާ އަށް އިރުޝާދުދިން ކޯޗުންގެ އިތުރުން ހުރިހާ ކްލަބެއްގައި އޭނާ އާއެކު ކުޅުނު ކުޅުންތެރިންނަށް ކަމަށެވެ.

ފްރާންސްގެ އިތުރުން އާސެނަލްގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ މޮޅު ފޯވާޑްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އޮންރީ އަކީ ޕްރިމިއާ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިއަކަށްދޭ ރަންބޫޓް ރެކޯޑް ހަތަރު ފަހަރަށް ހޯދާފައިވާ ހުނަރުން ފުރިފައިވާ ކުޅުންތެރިއެކެވެ.

“ޝިއެރާ ފަދަ ކުޅުންތެރިއަކާ އެކު މި އެވޯޑް ދެވުނު ފުރަތަމަ ދެ ކުޅުންތެރިންގެ ގޮތުގައި ހިމެނުމަކީ ލިބުނު ވަރަށް ހާއްސަ އުފަލެއް،” އޮންރީ ބުންޏެވެ.

އާސެނަލް އާއެކު ހޭދަކުރީ 8 ސީޒަނުގައި ޕްރިމިއާ ލީގުގެ ތަށި ދެ ފަހަރު ހޯދައި، 2003/04 ވަނަ އަހަރު އެ ޓީމުން އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި އޮންރީ ވަނީ އެ ކްލަބަށް ލީގުގައި ކުޅެދިން 258 މެޗުގައި 175 ލަނޑުޖަހާފައެވެ.

މީގެއިތުރުން، އޮންރީ އަކީ އެހެން ކުޅުންތެރިންނަށް ލަނޑުޖަހަން މަގުފަހިކޮށްދިނުމުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެގޮތުން، 2002/03 ވަނަ އަހަރުގެ ސީޒަނުގައި ހެދި 20 އެސިސްޓާއެކު ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމަށް އެހީތެރިވެދިން ކުޅުންތެރިޔާގެ ރެކޯޑް ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ އޮންރީގެ އަތުގައެވެ.

މިހާރު އުމުރުން 50 އަހަރުގެ ޝިއެރާ އަކީ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ އަވަހަށް 100 ލަނޑުހަމަކުރި ކުޅުންތެރިޔާއެވެ. އޭނާ ބްލެކްބާންގައި ހޭދަކުރީ ދުވަސްވަރު ލީގުގައި އެ ޓީމަށް ކުޅެދިން 138 މެޗުގައި 112 ލަނޑުޖަހާފައިވާއިރު ނިއުކާސަލް އާއެކު ވަނީ 303 މެޗުން 148 ލަނޑުޖަހާފައެވެ.

މި އަހަރު މުޅީން އަލަށް ތައާރަފްކުރެވުނު މި އެވޯޑަކީ 1992 ވަނަ އަހަރު ޕްރިމިއާ ލީގުގެ ގޮތުގައި ކުޅެން ފެށިފަހުން އެކި މުބާރާތްތަކުގައި ފެނިގެންދިޔަ ހުނަރުވެރި ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ކަނޑައެޅުނު އެވޯޑެކެވެ.

މި އަހަރެކޭ އެއްފަދައިން އަންނަ އަހަރު ވެސް މި އެވޯޑަށް 23 ކުޅުންތެރިން ނޮމިނޭޓްކުރެވިގެން އޭގެތެރެއިން ހަ ކުޅުންތެރިއަކަށް ހޯލް އޮފް ފޭމްގެ ޝަރަފު ދެވޭނެކަމަށާއި ސަޕޯޓަރުންނަށް ވެސް ވޯޓްލެވޭ ގޮތަށް ހަމަޖެހިފައިވާކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.