ވިޔަފާރިއާއި އިޤްތިޞާދުގެ މަޢުލޫމާތާއި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ޚާއްޞަ މީސްމީޑިއާ ޙަރަކާތެއް ފަށައިފިއެވެ.
މޯލްޑިވްސް ބިޒްނަސް ނެޓްވަރކް (އެމް.ބީ.އެން.) ނުވަތަ ދިވެހިރާއްޖޭގެ ވުނަދާނަ ވިއުގައިގެ ނަމުގައި ފެށި މި މީސްމީޑިއާ ހަރަކާތުގެ ތެރެއިން ފޭސްބުކް، ޓްވިޓަރ، އިންސްޓަރގްރާމް އަދި ޔޫޓިއުބް މެދުވެރިކޮށް ޢާންމުންނަށް ވިޔަފާރިއާއި އިޤްތިޞާދާ ގުޅުންހުރި މަޢުލޫމާތުތައް ގެނެސްދޭނެއެވެ.
23 އޭޕްރީލް 2021 ގައި ފެށި މިހަރަކާތުގެ ތެރެއިން ފޭސްބުކް ޓްވިޓަރ އަދި ޔޫޓިއުބް މެދުވެރިކޮށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ޚާއްސަ ޕްރޮގްރާމްތަކެއް އާންމުންނާއި ހަމަޔަށް ގެނެސްދޭން ވަނީ ފަށާފައެވެ. މި ޙަރަކާތް ފެށުމުގެ ގޮތުން ގެނެސްދިން ފުރަތަމަ ޕްރޮގްރާމްގައި ގެނެސްދީފައިވަނީ އެމް.ބީ.އެން.ގެ ތަޢާރަފެކެވެ.
އެމް.ބީ.އެން. މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ އެކި ޕްރޮގްރާމްތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއަށް ޚާއްސަ މާލީ އަދި އިޤްތިޞާދީ ޕްރޮގްރާމްތަކާއި އިޤްތިޞާދުގެ ތެރޭގައި ހިމެނޭ އެކިއެކި ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމްތަކާއި ތަފާތު އެކި ސިނާއަތްތަކަށް ޚާއްޞަ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.
އެމް.ބީ.އެން.ގެ ޕްރޮގްރާމްތަކުގައި ހިމަނާ މަޢުލޫމާތުތަކަކީ އިޤްތިޞާދާއި ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރުން މެދުވެރިކޮށް ގެނެސްދޭ އުފެއްދުންތެރި، ބިނާކުރަނިވި ޚިޔާލުތަކާއި މަޢުލޫމާތުތަކެވެ.