English Edition
Dhivehi Edition

ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ މީހުން ދަފުތަރުކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ފަށައިފިއެވެ.

ބީސީސީން ބުނީ މިއީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެ ކުދި ވިޔަފާރިއާއި، ކުދި ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރި މަރުކަޒީކޮށް ރަޖިސްޓަރީ ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލެވޭ ދަފްތަރެއްކަމަށެވެ. އަދިި އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތައް ދަފްތަރު ކުރުމުގައި ޢަމަލުކުރާނެ އުޞޫލެއް ބީސީސީން ވަނީ ކަނޑައަޅާފައެވެ.

ދަފުތަރުގައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އެ ކަމަށް ޚާއްސަ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ޕޯޓަލްގެ ލިންކު ބީސީސީގެ މީސްމީޑިޔާ މަންސަތަކުންނާއި ބީސީސީގެ ވެބްސައިޓް މެދުވެރިކޮށް މިއަދުން ފެށިގެން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ދަފްތަރުގައި ރަޖިސްޓަރީވާން ފުރަންޖެހޭ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލޭގައި ހުންނަ ބީސީސީގެ މައި އޮފީހުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ވިޔަފާރީގެ ގޮތުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް މި ދަފުތަރުގައި ރަޖިސްޓަރީވުމަކީ އެ ފަރާތްތަކަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި ލުއިފަސޭހަތައް ލިބޭނެ ކަމެއް ކަމަށާއި، އެފަދަ ހުރިހާ ފަރާތްތަކެއް ވެސް މި ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބީސީސީން ބުންޏެވެ.