English Edition
Dhivehi Edition

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި 1-0 އިން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިއާއެކު އެ ޓީމުން ވަނީ މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. ސިޓީގެ އިތުރުން ލިވަޕޫލް ވެސް ވަނީ ލީގު ކަޕް 8 ފަހަރު ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި ‘ކުއަޑްރަޕްލް’ އަށް އަމާޒު ހިފައިގެން ހަތަރު ތަށި ކާމިޔާބުކުރުމަށް ނިކުތް ސިޓީ އަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ނާކާމިޔާބީ އަކީ އެމިރޭޓްސް އެފްއޭކަޕްގެ ސެމީ ފައިނަލްގައި ޗެލްސީ އަތުން ބަލިވުމެވެ. އެކަމަކު މި ސީޒަނުގެ ލީގު ކަޕް ކާމިޔާބުކުރުމާއެކު ޕްރިމިއާ ލީގުގެ ތަށި އުފުލާލުމުގެ ފުރުޞަތު ވެސް ބޮޑުވެފައިވާއިރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވުމާއެކު ތިން މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުޞަތު އެބައޮތެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ގާތްގަނޑަކަށް 8 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗަށް ނިކުތްއިރު ޓޮޓެންހަމަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ލީގުގައި އެ ޓީމު އެންމެ ފަހުން ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު ހެރީ ކޭން ރޭގެ މެޗަށް ފިޓްވެފައިވުމެވެ.

ރޭގެ މެޗު ފަށައިގެން ސިޓީ އަށް ލީޑްނަގައިދިނުމަށް މެެޗުގެ 26 ވަނަ މިނެޓުގައި އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އަށް ލިބުނު ފުރުޞަތުގައި ގޯލާއި 8 ޔާޑު ކައިރިން ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ޑިފެންޑަރު ޓޮބީ އަލްޑަވިރެލްޑްގެ ގައިގަ ޖެހިފަ ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު އޭގެ ފަހުން ރަހީމް ސްޓާލިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެންޗެސްޓާ ސިޓީއާ ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން. –ފޮޓޯ: އޭޕީ

ދެވަނަ ހާފު ފެށިގެން ޓޮޓެންހަމުން ކުޅުން ރަނގަޅުކުރިއިރު މި ހާފުގެ ކުރީކޮޅު އެ ޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޭ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު ޒެކް ސްޓެފެން މަތަކުރިއެވެ. އޭގެފަހުން ސިޓީގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް މަތަކޮށްފައިވާއިރު މެޗުގެ 73 ވަނަ މިނެޓުގައި ރިޔާދް މާރޭޒް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ލޮރިސް އެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އައިމެރިކް ލަޕޯޓް އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައެއް ލަޕޯޓް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ލީގު ކަޕްގައި މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވި 19 ވަނަ މެޗެވެ. އަނެއް ހަ މެޗުގެ ތެރެއިން ހަތަރު މެޗުން އެއްވަރުވެފައިވާއިރު ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. މީގެއިތުރުން، މިއީ 2008 ވަނަ އަހަރު ބާސެލޯނާ އާއެކު ކޯޗިން ކެރިއަރު ފެށި ގާޑިއޯލާ ހާސިލްކުރި 30 ވަނަ ޓްރޮފީއެވެ. އޭގެ ތެރެއިން ސިޓީ އާއެކު ވަނީ ނުވަ ޓްރޮފީ ހޯދާފައެވެ. ސިޓީގެ ކުރީން އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދީފައެވެ.

ސިޓީ އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ސެމީގައި ރަށުން ބޭރުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗެވެ. އެއަށްފަހު އެ ޓީމަށް އޮތީ ލީގުގައި އަންނަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.