English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑިގައި ކާލަން މީރު ތަފާތު ޕޭން ކޭކް އެއް ތައްޔާރު ކޮށްލާނެ ގޮތެވެ. ޕޭން ކޭކް އަކީ ފޮނި ކާއެއްޗެއް ގޮތަށް ގިނަ މީހުންނަށް އެނގިފައިވާނެއެވެ. ނަމަވެސް މިފަހަރު މިއުޅެނީ ރަހަ ތަފާތު ކޮށްލައި ކުޅިކޮށް ޕޭންކޭކް އެއް އަޅާނެ ގޮތް ކިޔާދޭށެވެ.

ބޭނުންވާނެ ތަކެތި:

4 ބޮޑު އަލުވި (ތޮށި މަށާފައި)

2 ބިސް

½ ޖޯޑު ގޮދަން ފުއް

1 ބޮޑު ފިޔާ

3 ހިނކަދިފަތް (ކުދިކޮށް ކޮށާފައި)

ލޮނު ކޮޅެއް (ރަހަލާ ވަރަށް)

އަސޭމިރުސް ކޮޅެއް (ރަހަލާވަރަށް)

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

¼ ފާރޮށި ކުޑި

ތައްޔާރު ކުރާނެ ގޮތް:

ބޯތައްޓަކަށް ތޮށި މަށާފައިވާ އަލުވި ކެރްޓް ގާނާ އެއްޗަކުން ގާނާ ލާށެވެ. އެއަށްފަހު ފިޔާވެސް ގާނާލާށެވެ. އަލުވި އަދި ފިޔާ ގާނާލައި ނިމޭއިރު ކޮންމެސް ވަރަކަށް ދިޔަ ނުކުންނާނެއެވެ. ފުރޭންޔަކަށް އަޅާފައި އެދިޔަތައް ހިންދާލާށެވެ. ގާނާފައި ހުރި އަލުވި އަދި ފިޔާ ކޮޅު ތެރެއަށް ބިސް ތަޅާލުމަށްފަހު އަޅާލާށެވެ. އެއަށްފަހު، ލޮނު ކޮޅާއި އަސޭމިރުސް ކޮޅު، ހިނކަދިފަތްކޮޅު، ބޭކިންގް ޕައުޑަރ، ފާރޮށި ކުޑި އަދި ފުއްކޮޅުވެސް އަޅާފައި ސަމުސަލަކުން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ބިސްގަނޑު އަޅާ ތަވައަކަށް ކުޑަ ތެޔޮ ފޮދެއް އަޅާށެވެ. އަދި ސަމްސަލަކުން ޕޭން ކޭކް ފިހާ ހެން ތަވާ ތެރެއަށް މިކްސް ކޮށްފައި ހުރި ބައިތައް ޕޭންކޭކް ސައިޒަށް އަޅާފައި އެއްފަޅި ރޯފިލާ ފިހެވުމުން އަނެއްފަޅިއަށް ޖަހައި ފިހެލާށެވެ. މިގޮތަށް މިކްސް ކޮށްފައި ހުރި ބައި ބޯތަށި ހުސްވަންދެން ފިހަމުން ގެންދާށެވެ. އަނގަޔަށް މީރު ޕޮޓޭޓޯ ޕޭން ކޭކް އެހެރީ ކާން ތައްޔާރުވެފައެވެ. ބޭނުންނަމަ ޓޮމާޓޯ ސޯސް ނުވަތަ ޗިލީ ސޯސް އާއި ޖައްސާލައިންވެސް ކެވިދާނެއެވެ.