English Edition
Dhivehi Edition

މަޑަވެލި ރިކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 ގައި ފަށާފައިވާ ރޮނާކަޕް ފުޓްސަލްމުބާރާތުގައި ވީ ކަންމަތި އެފްސީ އަދި އެފްސީ ލެޖެންޑްސް ބައްދަލުކުރި މެޗް 5-2 އިން ވީ ކަންމަތި އެފްސީ އިން ކާމިޔާބު ކޮށްފިއެވެ.

މަޑަވެލީ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗްގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިފައިވެއެވެ. ވީ ކަންމަތި އެފްސީގެ ޒަމްއަތުގެ މޮޅުކުޅުމުގެ އިތުރުން އޭނާގެ ފަރާތުން ހިތްގައިމު ދެ ގޯލް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ޒަމްއަތުއެވެ. ވީ ކަންމަތިން ދެން ކާމިޔާބު ކުރި 3 ލަނޑަކީ އެޓީމުގެ ނަސީފް ހަސްން (ޕޭޓު) ކާމިޔާބު ކޮށްދިން ލަނޑުތަކެކެވެ.

އެފްސީ ލެގެންޑުގެ ލަނޑުތައް ޖަހާދީފައިވަނީ އަހްމަދު އަބްދުﷲ އާއި އަހްމަދު އާސިމްއެވެ.

މި މުބާރާތުގެ އިތުރު މެޗެއްވެސް ރޭ ގައިވަނީ ކުޅެވިފައެވެ. އެފްސީ ބެންފީކާ އަދި އެފްސީ ޖާގަނުލިބޭ ބައްދަލުކުރިމެޗް ވަރަށް ހަމަހަމަ ކުޅުމެއް ފެނި މެޗް ނިމިފައިވަނީ 2-2 ގެ ނަތިޖާއިން އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ބެންފިކާގެ ނަވާލް ޖަމީލެވެ. އެފްސީ ބެންފިކާ އަކީ މި މުބާރާތުގައި ވާދަ ކުރާ 5 ޓީމުގެ ތެރިއިން ހޯނޑެއްދޫ އަށް ނިސްބަތްވާ ޓީމެވެ. ދެންތިބި 4 ޓީމަކީ މަޑަވެލީގެ ހަތަރު ޓީމެވެ.

މުބާރާތުގައި ބައިވެރިވި ތިނަދޫގެ 3 ޓީމެއްވަނީ ތިނަދޫ މޮނިޓަރިންގ ހާލަތުގައި އޮތުމުން މުބާރާތުން ވަކިވެފައެވެ. މި މުބާރާތުގެ ދެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މި މެޗްތަކުގައި ބައްދަލުކުރާނީ އެފްސީ ބެންފީކާ އަދި ގަރާގް އެފްސީ، ދެވަނަ މެޗްގައި އެފްސީ ލެޖެންޑް އަދި އެފްސީ ޖާގަނުލިބޭއެވެ.